މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ފަސްކުރަން ނިންމައިފި އެވެ.
މީގެ 14 އަހަރު ކުރިން ވުދޫދުވި ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކުން ބޮޑު އުންމީދަކާ އެކު ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވަމުން އަންނަ މުބާރާތެކެވެ. މިއަހަރަކީ ފިރިހެން ޑިވިޝަނަށް މި މުބާރާތް ބާއްވާތާ 15 ވަނަ ފަހަރަށް ވާއިރު މިއީ އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން މުބާރާތް ބާއްވާ 11 ވަނަ އަހަރެވެ.
މި ފޯރިގަދަ މުބާރާތަށް ޓީމުތަކުން މިހާރުވެސް ފޯރިއާ އެކު ޕްރެކްޓިސްތައް ފަށާފައިވާ އިރު މުބާރާތް ފެށުމަށް ކުރިން ޝެޑިއުލް ކޮށްފައި އޮތީ އޭޕްރިލް ހަތްވަނަ ދުވަހަށެވެ. އެކަމަކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑްގެ ކޭސްތަކެއް ރާއްޖެއިން ފެންނަމުންދާތީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މުބާރާތް އަންނަ ޖުލައި މަހުގެ މެދަކާއި ހަމައަށް ފަސްކުރަން ނިންމާފަ އެވެ.
އެކަން އިއުލާން ކުރުމުގެ ގޮތުން ކްލަބް މޯލްޑިވްސްގެ އޮފިޝަލް ވެބްސައިޓުގައި ބުނެފައިވަނީ މި މުބާރާތަކީ އެތައް ހާސް ބަޔަކާ ގުޅިފައިވާ މުބާރާތެއް ކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބޯލެނބުމުގެ ގޮތުން މުބާރާތް ފަސްކުރެވިފައިވާ ކަމަށެވެ.
މި މުބާރާތުގައި މިދިޔަ އަހަރު ފިރިހެން ބައިގައި 32 ޓީމަކުން ވާދަކުރިއިރު އަންހެން ބައިގައި ވާދަކުރީ ނުވަ ޓީމެކެވެ. ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފައިނަލުގައި 6-1 އިން ވެމްކޯ ބަލިކޮށް ހޯދީ ޔުނައިޓެޑް ބީއެމްއެލް އެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 4-3 އިން ކުރި ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ކޮވިޑް-19 ރާއްޖޭން ފުރަތަމަ ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެރޭ ބައްޔަށް ޕޮޒިޓިވްވިކަން އިއުލާން ކުރީ ޅ. ކުރެއްދޫ ރިސޯޓުން ދެ މީހެކެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުން ވަނީ އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަން އިއުލާން ކޮށްފަ އެވެ.
އަދި ރޭގެ ވަގުތެއްގައި ކުރެންދޫއިން ކަރަންޓީނު ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ޕޮސިޓިވް ވެފައިވާ ކަން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފަ އެވެ. އެއާ އެކު ރާއްޖޭގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.