ހުޅުމާލެ ހޮސްޕިޓަލުން ވެސް ބަލިމީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި

ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ މީހުންނަށް ޒިޔާރަތްކުރާ ގަޑި މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، އެޅި ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން މިއަދުން ފެށުގެން ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބަލި މީހާ އާއެކު އެއް އެހީތެރިޔަކަށް މަޑުކުރެވިދާނެ ކަމަށެވެ.

އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުން ވެސް ވަނީ ބަލި މީހުންނަށް ޒިޔާރަތްކުރާ ގަޑިތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު، މާލެއިން ވެސް އަލާމާތްތައް ހުރި މީހަކު ފެނިގެން އޭނާ ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފައެވެ.

comment ކޮމެންޓް