ދޮންދަރިއަކާ ބެހުނު މީހަކު މިނިވަންކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމްކޯޓުން ބާތިލުކޮށްފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް: ޖިންސީ ގޯނާ ކުރި ދޮންބައްޕައެއް މިނިވަން ކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމަށް ސާބިތުވެ ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނިކޮށް، ހައިކޯޓުގެ ހުކުމް ބާތިލުކޮށް މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ގަ އެވެ. ހާދިސާ ހިނގި ދުވަހު އެ މައްސަލަ ކުއްޖާގެ މަންމަގެ ސަމާލުކަމަށް އައެވެ. ޖެހިގެން އައި ދުވަހު ޖެންޑާ މިނިސްޓްރީން އެ ކޭސްއަށް އެޓެންޑްވެސް ވި އެވެ. އެ މައްސަލައިގައި ލ. ގަން މެޖިސްޓްރޭޓް ކޯޓުން ދޮންބައްޕައަށް ކުރި 15 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އޭނާ މިނިވަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.

އެ ހާދިސާ ހިނގި އިރު ދޮން ދަރީގެ މަންމަ އާއި ދޮންބައްޕަ ކައިވެނިކޮށްގެން އުޅޭތާ ނުވަ އަހަރު ވިއެވެ. އެ ކައިވެނި ކުރި އިރު ވެސް މަންމަގެ ދެ ކުދިން ތިބެ އެވެ. އޭގެ ތެރެއިން ދޮންބައްޕަ ޖިންސީ ގޯނާ ކޮށްފައި ވަނީ ދޮށީ ދަރިއަށެވެ.

އެ މައްސަލައިގައި ދޮންބައްޕައާ ދެކޮޅަށް ދޮންދަރީގެ އިތުރުން އޭނާގެ މަންމައާއި އަވައްޓެރިއަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ. އަދި ދޮން ދަރިފުޅުގެ ހެކިބަސް ކަށަވަރު ކުރުމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓްގެ އިތުރުން ޖެންޑާ މިނިސްޓްރީގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކުއްޖާގެ ދޮންބައްޕަ އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ހެދި އެސެސްމަންޓުން ގަބޫލު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ހުސްނުއްސުއޫދުއާއި މަހާޒު އަލީގެ އިތުރުން އާއިޝާ ޝުޖޫމް މުހައްމަދު އެވެ. ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދު ކުރުމަށް ތިން ފަނޑިޔާރުން ވަނީ އިއްތިފާގު ވެފަ އެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވީތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަންކުރުމެވެ.

މެޖިސްޓްރޭޓް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ހައި ކޯޓުން ނިންމާފައި ވަނީ، ދޮންބައްޕައާ ދެކޮޅަށް ހެކިބަސް ދިން ދޮން ދަރި ފިޔަވައި ދެން ތިބި މީހުންގެ ހެކިބަސް ބިނާވެފައި ވަނީ އަނިޔާ ލިބުނު ކުއްޖާ ބުނާ ބުނުންތަކެއްގެ މައްޗަށް ކަމައްވާތީ ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑްކުއްޖާގެ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހަކިބަހަކަށްވާނަމަ އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެ ކަމަށް ތަހުޖީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް