ކޮވިޑްއާ ގުޅިގެން ނެޝަނަލް ކޮމިއުނިކޭޝަން އެކްޝަން ޕްލޭންއެއް އެކުލަވާލަނީ

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ބައްޔާ ގުޅިގެން ނެޝެނަލް ކޮމިއުނިކޭޝަން އެކްޝަން ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން" އަށް މިއަދު ވިދާޅުވީ ކޮވިޑްއާ ގުޅިގެން މިއަދު އެކި އިދާރާތަކުގެ އައިޓީ އިސް ބޭފުޅުންނާއެކު މިއަދު މަޝްވަރާތައް ބާއްވައި ޓާސްކުފޯހެއް އެކުލަވާލައިފައިވާ ކަަމަށެވެ.

މާލޭގައި ކޮވިޑް ފެތުރި ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ އަމަލުކުރާނެ އުސޫލްތައްވެސް ކަނޑައަޅާނެކަމަށް މަލީހު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހިއްޖެނަމަ އެކަމަށްވެސް ތައްޔާރުވުމަންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްގައިގައި ހާޒިރީ ބެލެހެއްޓުމުށް "ފިންގާޕްރިންޓް" ބޭނުންކުރުމުގެ ބަދަލުގައި ކާޑު ބޭނުންކުރަން ފަށައިފިކަމަށް މަލީހު ވިދާޅުވިއެވެ. އެފަދައިން އަމަލުކުރުމަށް ޕްރައިވެޓް ކުންފުނިތަކަށްވެސް މަލީހު ވަނީ ގޮވާލައްވައިފައެވެ.

ކޮވިޑް-19 އަށް ދެ ރިސޯޓަކުން ހަތަރު މީހުން މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން ބަތަލާ ރިސޯޓުން އިޓަލީގެ ދެ ފަތުރުވެރިއަކު ޕޮޒިޓިވްވިއިރު ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. މިހާރު އެ ދެ ރިސޯޓްވެސް އޮތީ ލޮކްޑައުންގައެވެ.

މީގެ އިތުރުން، ށ. ފޯކައިދޫއަށް ދިޔަ ކުރެއްދޫ ރިސޯޓްގެ މުވައްޒަފަކުގެ ކިބައިން ވެސް ކޮރޯނާގެ އަލާމާތްތަކެއް ފެނިގެން އޭނާވެސް ވަނީ މިހާރު ކަރަންޓީނުކޮށްފައެވެ.

ކޮރޯނާއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާރު ދަނީ ދުރާލައި އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ރާއްޖެއަށް ކޮވިޑް-19 އައުން ހުއްޓުވުމުގެ ގޮތުން ޗައިނާ، އީރާން، އިޓަލީ. ބަންގްލަދޭޝް އަދި ދެކުނު ކުރެއާގެ ބައެއް ހިސާބުތަކުން މީހުން އައުން ވަގުތީ ގޮތުން ވަނީ މަނާ ވެސްކޮށްފައެވެ.

ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދު ވެސް ކޮށްފައެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާން އިން ފެނިފައި ވަނީ އެ ބަލީގެ 41 ކޭސް ވެސް މެއެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާއެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް