އެމްޕީއެލްގެ ބަސްތައް ޑިސްއިންފެކްޓްކުރަން ފަށައިފި

އެމްޕީއެލްގެ ސްޓާފުން ބަސްތައް ޑިސްއެންފެކްޓްކުރަނީ--- ފޮޓޯ: އެމްޕީއެލް

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ބައްޔާ ގުޅިގެން މާލެއާ ހުޅުމާލެއާ ދެމެދު ބަހުގެ ހިދުމަތް ދެމުގެންދާ އެމްޕީއެލްއިން އެ ކުންފުނީގެ ބަސްތައް ޑިސްއިންފެކްޓްކުރަން ފަށައިފިއެވެ.

ޑިސްއިންފެކްޓްކުރަން ފެށިއިރު ކޮވިޑް 19 ގެ ހަތަރު ކޭސް މިހާރު ވަނީ ފެނިފައެވެ. އަދި އިތުރު މީހުންނަށްވެސް ޝައްކުވާތީ ބައެއް މީހުން ވަނީ ކަރަންޓީންކޮށްފައެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ގިނަ ބަޔަކު ބަސް ދަތުރުތައް ކުރާއިރު އެތަންތަނުން އެ ބަލި މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ.

އެމްޕީއެލްގެ އިތުރުން އެމްޓީސީސީގެ ބަސްތައްވެސް ޑިސްއިންފެކްޓްކުރަން މިހާރު ފަށައިފައިވާ ކަަމަށް އެމްޓީސީސީން ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުން މަސައްކަތް ކުރަމުންދިޔަ ކުރެއްދޫ ރިސޯޓަށް މީހުން އުފުލަން ބޭނުންކުރި ޓީއެމްއޭގެ ބޯޓުވެސް މިހާރު ވަނީ ޑިސްއިންފެކްޓްކޮށްފައެވެ.

ރާއްޖެއަށް ކޮވިޑް-19 އައުން ހުއްޓުވުމުގެ ގޮތުން ޗައިނާ، އީރާން، އިޓަލީ. ބަންގްލަދޭޝް އަދި ދެކުނު ކުރެއާގެ ބައެއް ހިސާބުތަކުން މީހުން އައުން ވަގުތީ ގޮތުން ވަނީ މަނާ ވެސްކޮށްފަ އެވެ.

ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދު ވެސް ކޮށްފައެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާން އިން ފެނިފައި ވަނީ އެ ބަލީގެ 41 ކޭސް ވެސް މެއެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް