ވޯލްޑްކަޕް ކޮލިފައިންގް: ރާއްޖެ މި މަހު ކުޅެން އޮތް ދެ މެޗު ވެސް ފަސްކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މިހާރު ކުރިއާށްދާ 2022ގެ ވޯލްޑް ކަޕާއި 2023ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭން މި މަހު ފަހުކޮޅު ޗައިނާ އަދި ސީރިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ހިމެނޭ ގޮތަށް އޭޝިއާ ސަރަހައްދުގެ ކޮލިފައިން ހުރިހާ މެޗުތަކެއް ފީފާ އިން ފަސްކޮށްފި އެވެ.

އޭޝިއާ ސަރަހައްދުގެ މެޗުތައް ފަސްކޮށްފައިވާކަން ފީފާއިން އެފްއޭއެމްއަށް ވެސް އަންގާފައިވާ އިރު އޭއެފްސީން ވަނީ އެކަން ރަސްމީކޮށް އެ އިދާރައިގެ އޮފިޝަލް ވެބްސައިޓުގައި އިއުލާންކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭއެފްސީން މި ބަޔާން ނެރުނީ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއެކު ސްވިޒަލެންޑްގެ ޒިޔުރިކްގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

"ފީފާއާއި އޭއެފްސީއަށް އަބަދުވެސް އެންމެ މުހިއްމު ކަމަކީ ފުޓުބޯޅައާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ސިއްހަތުގެ ރައްކާތެރިކަން. ވުމާ އެކު ކުރިއަށް ހުރި މެޗުތައް ފަސްކުރެވިފައިވާ ކަން ކަމާ ބެހޭ ފަރާތްތަކަށާއި އެސޯސިއޭޝަންތަކަށް އަންގަމުންދާނެ ވާހަކަ ދަންނަވަން،" އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ފީފާއިން މެޗުތައް ފަސްކުރަން ނިންމުމުން އޭއެފްސީގެ އޮފިޝަލުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުއްލި ބައްދަލުވުމެއް ބާއްވައި މެޗުތައް ފަސްކުރަން ބޭނުންވާ ތާރީހުތައް ފީފާ އަށް ހުށަހެޅުމަށް ނިންމާފަ އެވެ.

ރާއްޖެއިން ޗައިނާއާ ދެކޮޅަށް މި މަހު 26 ވަނަ ދުވަހު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފައި އޮތްއިރު މިމަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، ފީފާގެ ނިންމުމާއެކު މި މެޗުތައް ފަސްކުރާނެ ސީދާ ތާރީހު އިއުލާންކުރާނީ ފަހުންނެވެ.

ޗައިނާގެ ވޫހާން ޕްރޮވިންސުން ފެތުރިގެން އައި މި ވައިރަހާ އެކު ރާއްޖެއާއި ޗައިނާ ބައްދަލުކުރަން އޮތް މެޗު ފުރަތަމައިން ކުޅެން ނިންމީ ތައިލެންޑުގެ ބުރިރަމް ޕްރޮވިންސްގެ ޗޭންގް އެރީނާ ސްޓޭޑިއަމްގައި އެއްވެސް ސަޕޯޓަރެއް ނުވައްދަ އެވެ. އަދި، ރާއްޖެ ހިމެނޭ ގްރޫޕުގައި ގުއާމާއި ޗައިނާ ވާދަކުރަން އޮތް މެޗު ވެސް އޭރު ވަނީ ތައިލެންޑަށް ބަދަލުކޮށްފަ އެވެ.

މި ދެ މެޗުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުން ތައްޔާރީތައް ފަށާފައިވާ އިރު ރާއްޖޭގެ އަމާޒަކީ އޭއެފްސީ ކަޕުގެ ޖާގައެއް ހޯދުމެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގައި ސީރިއާއިން 15 ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އޮތް ޗައިނާއާއި ތިންވަނައިގައި އޮތް ފިލިޕީންސްއަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ރާއްޖެއަށް މިހާތަނަށް ހަ ޕޮއިންޓް ލިބިފައިވާ އިރު ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދިއްޖެ ނަމަ ރާއްޖެއަށް އޭއެފްސީން ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް