ބްރިޖާއި ހައިވޭގައި މަސްބޭނުމަކީ މަނާކަމެއް

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭގައި މަސް ބޭނުމާއި މަސް ބާނަން ތިބުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.

ހޭލުންތެރި ކުރުމަށް ފުލުހުން ސޯޝަލް މީޑިއާ ގައި ކުރި ޕޯސްޓެއްގައި ބުނީ ބްރިޖާއި ހަވޭ އަދި ހައިވޭ އާއި ގުޅިފައިވާ މޫދު ސަރަހައްދުގައި މަސްބާނަން ތިބުމަކީ މަނާކަމެއް ކަމަށެވެ.

ބްރިޖުގައި ހިނގަން ހާއްސަ ކޮށްފައި އޮންނަ ސަރަހައްދާއި ހުޅުމާލެ އާއި ދިމާ ހައިވޭ ގައި މަސް ބާނަން ގިނަ ބަޔަކު ތިބެ އެވެ.

ހައިވޭ އާއި ގުޅިފައިވާ ސަރަހައްދުގެ މޫދަށް އެރި މަސް ބޭނުމާއި މަސް ހިފުން އަދި ބޯވަ އާއި ރާކަނި ނެގުން ފަދަ ކަންތައްތައްވެސް ކުރެ އެވެ.

ބްރިޖާއި ހައިވޭ އަކީ ބާރަށް އުޅަނދު ދުއްވާ ސަރަހައްދަކަށްވެފައި އެ ސަރަހައްދާއި ކައިރީ އޮންނަ މޫދުން މަސް ބޭނުމަށް ތިބުމަކީ ނުރައްކާތެރި ހާދިސާއެއް މެދުވެރި ވެދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް