ކޮރޯނާއަށް ހޭލުންތެރިކުރުމާ އެކު އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ބާއްވަން ނިންމައިފި

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކާއެކު އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ކުރިއަށް ގެންދަން އެ ޕާޓީގެ މައި ކެމްޕެއިން ޓީމުން ނިންމައިފި އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން، ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ޕާޓީން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ނިންމުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރެޔަށް ތާވަލުކޮށްފައި އޮތް ރަށްވެހި ފަތިސް ފެސްޓިވަލް ނިންމާ ހަފްލާވެސް ކެންސަލުކުރި އެވެ.

އެމްޑީޕީން މިއަދު ބުނީ އެއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކޮވިޑް-19އާ ގުޅޭގޮތުން އާންމުކުރާ މައުލޫމާތާއި، ހަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން އާންމުންނާ ހިއްސާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އެކަމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ އާއި ޖުމްހޫރީ ޕާޓީން ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާވާފައި ހުރި ހަރަކާތްތައް ވަނީ މެދުކަނޑާލައިފަ އެވެ.

comment ކޮމެންޓް