ކޮރޯނާއާ ހެދި ބައެއް ސަރަހައްދުތަކުގައި ތިބި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިހާރު ބަލިފެނުނު ސަރަހައްދުތަކާއި ޝައްކުކުރެވޭ ސަރަހައްދުތަކުގައި ކިޔަވާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އޮންލައިންކޮށް ކްލާސްތައް ނެގޭގޮތަށް އެ ޔުނިވާސިޓީން ހަމަޖައްސައިފި އެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ މިއީ ކޮވިޑް19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަަމަށެވެ. އަދި މިއީ ވަކި މުއްދަތެއް ނެތި އެޅި ފިޔަވަޅެއް ކަަމަށް ޝަރީފް ވިދާޅުވި އެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ކެމްޕަސްތަކުގައި އެބަކިޔަވާ ކޮވިޑް-19 ފެނުނު ސަރަހައްދުތަކުގައި އުޅޭ ފަރާތްތައް. މީގެ ބޭނުމަކީ އެ ފަރާތްތަކަށް ކްލާސްތަކަށް ނައިސް ކިޔެވޭނެ ގޮތް ހެދުން،" ޑރ. ޝަރީފް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ދެ ރިސޯޓަކުން ހަތަރު މީހުން މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން ބަތަލާ ރިސޯޓުން އިޓަލީގެ ދެ ފަތުރުވެރިއަކު ޕޮޒިޓިވްވިއިރު ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. މިހާރު އެ ދެ ރިސޯޓްވެސް އޮތީ ލޮކްޑައުންގަ އެވެ.

މީގެ އިތުރުން، ށ. ފޯކައިދޫއަށް ގޮސްއިރު ކުރެއްދޫ ރިސޯޓްގެ މުވައްޒަފަކުގެ ކިބައިން ވެސް ކޮރޯނާގެ އަލާމާތްތަކެއް ފެނިގެން އޭނާވެސް ވަނީ މިހާރު ކަރަންޓީނުކޮށްފަ އެވެ.

ކޮރޯނާއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާރު ދަނީ ދުރާލައި އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ރާއްޖެއަށް ކޮވިޑް-19 އައުން ހުއްޓުވުމުގެ ގޮތުން ޗައިނާ، އީރާން، އިޓަލީ. ބަންގްލަދޭޝް އަދި ދެކުނު ކުރެއާގެ ބައެއް ހިސާބުތަކުން މީހުން އައުން ވަގުތީ ގޮތުން ވަނީ މަނާ ވެސްކޮށްފަ އެވެ.

ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދު ވެސް ކޮށްފަ އެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާން އިން ފެނިފައި ވަނީ އެ ބަލީގެ 41 ކޭސް ވެސް މެ އެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް