މެންބަރުންގެ ކަންބޮޑުވުމަކީ ކޮރޯނާއެއް ނޫން، އިގްތިސާދު ދަށްވުން

ރައްޔިތުންގެ މަޖިލިސް ---- ފޮޓޯ/ މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން ހުއްޓުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެ، ގިނަ މެމްބަރުން މިއަދު މަޖިލީހުގައި ވާހަކަދައްކަވައިފި އެވެ.

ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އިގްތިސާދު ފުނޑުފުނޑުވަމުން އަންނަ ކަމަށް ވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ކުރައްވާ މޭރުމުން ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެ ކުއްލި މައްސަލައާ ގުޅޭގޮތުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަމައެކަނި ޗައިނާ ނުވަތަ އިޓަލީން ފަތުރުވެރިން އައުން މަނާކުރުމުން ބަލި ފެތުރުން ކޮންޓްރޯލް ނުވާނެ ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރަން ބޭނުންވާނަމަ، ހުރިހާ ގައުމަކުން މީހުން އައުން ހުއްޓާލަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިޓަލީން ބޯޓު ދޭ އިނގެރޭސިވިލާތަށް ޖަރުމަނަށް، ޔޫރަޕުގެ އެހެން ގައުމުތަކަށް.އަދި ޔޫރަޕުގެ އެ ގައުމުތަކުން ރާއްޖެއަށް މީހުން އާދޭ. އެހެންވީމަ ހުއްޓަލަންޏާ އެބަ ސާފުވޭ ހުއްޓާލަން މި ޖެހެނީ މުޅި ހުރިހާ ކަމެއްކަން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ނަޝީދުގެ ވާހަކައަށް ތާއީދުކުރައްވައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ފްލައިޓުތައް ބަންދުކޮށްލުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅު ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިއަދު ފަތުރުވެރިކަމަކީ ހަމައެކަނި ފަޅު ރަށްތަކުގައި ބަންދުވެފައި އޮތް ކަމެއް ނޫން ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދާކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ، އެހެންކަމުން ފަތުރުވެރިން އައުން ހުއްޓުވައިގެން ވާން ނެތް ކަމަށެވެ.

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އިގްތިސޯދަށް ގެއްލުންވާ ވަރުގެ ކަމެއް ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އަދި ކޮވިޑް19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި ފިޔަވަޅުތައް އަޅާއިރު އިގްތިސޯދަށް ލޮޅުމެއް ނާރާ، އިގްތިސޯދަށް ހުއްޓުމެއް ނައިސް ވާނެ ގޮތްތައް ބަލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ މަދުވެ، އިގްތިސޯދު ހީނަރުވުމުން ރާއްޖެއަށް ލިބޭ ގެއްލުން، ކޮވިޑް19 އިން ލިބޭ ގެއްލުމަށްވުރެ ބޮޑު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން --- ފޮޓޯ/ މަޖިލިސް

"އިގްތިސޯދަށް ގެއްލުން ވެއްޖެނަމަ، ނުވަތަ ލިބޭ އާމްދަނީ މަދުވެ އޭގެން ލިބޭ ގެއްލުންތައް މާބޮޑުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ކޮރޯނާ ވައިރަސް އިން ލިބޭ ގެއްލުމަށް ވުރެ،" އިކްރާމް ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ކޮވިޑް19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި، ރައްޔިތުންނަށް އެބަލި މާ ނުރައްކާތެރި ބައްޔެއް ކަމަށް ހީވަނީ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީޑިއާތަކުން ރިޕޯޓުކުރާތީ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވެސް ވަނީ މެމްބަރު ރާއީގެ ވާހަކައަށް ތާއީދުކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި އެއަށްވުރެ ބޮޑު ގެއްލުމަކާ ދިމާލަށް ދިއުމަކީ ބުއްދިވެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް

"ގެއްލުމަކުން ސަލާމަތްވާން އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ އިތުރު ބޮޑު ގެއްލުމެއް ނުވެ އަޅުގަނޑުމެންނަށް ރައްކާތެރިކަމުގެ އައްސޭރިއަކަށް ދެވޭނެ ގޮތަކަށް ކުރާ ކަމެއް ބައްޓަން ވެގެން ދިއުން،" ޝަހީމް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވެސް މި މައްސަލައިގައި ގޯސްކުރެއްވީ މީޑިއާ އެވެ. މެމްބަރު ވެސް ވިދާޅުވީ ބައްޔަކީ ނުރައްކާ ބައްޔެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯދު ހިމާޔަތް ކުރުމަކީ އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަންތައް ކަމަށެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިއީ އެންމެ ބޮޑު ބަޖެޓު ކަނޑައެޅުނު އަހަރު ކަމަށާއި އަދި ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.

ޗައިނާ އާއި އިޓަލީން ފަތުރުވެރިން އައުން ހުއްޓާލުމުން ބަޖެޓުން 3.3 ޕަސެންޓު އުނިވާ ކަމަށާއި އެހެންކަމުން އިގްތިސޯދަށް ވަމުން އަންނަ ގެއްލުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. އޯކޭ. އަޅުގަނޑުމެން ސިއްހަތަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ 95 ޕަސެންޓު ބަރޯސާވަނީ ޓޫރިޒަމަށް. ޓޫރިޒަމަށް މި ލިބޭ ގެއްލުމަކީ އަޅުގަނޑުމެންނަށް ލިބޭ ގެއްލުމެއް،" މެމްބަރު ވިދާޅުވިއެވެ.

ޖާބިރުގެ ކުއްލި މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ޖާބިރު ވިދާޅުވަނީ ބަލި އައި ނަމަވެސް، ހަމަ ކުރިއެކޭ އެއްގޮތަށް ފަތުރުވެރިން ގެންނަންވީ ކަމަށެވެ. ނަމަވެސް އެއީ ގަބޫލުކުރެވޭ ހުއްޖަތެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެސް ވަނީ ކުއްލި މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ވެސް މިކަމުގައި އަޅާފައި ވަނީ އެހެން ގައުމުތަކުން ވެސް އަޅަމުން އަންނަ ފިޔަވަޅުތައް ކަމަށާއި އެހެންކަމުން ޖާބިރު ހުށަހަޅުއްވާފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް އޮޅުން އަރާނެ ކަމަށެވެ.

comment ކޮމެންޓް