ކަރަންޓީނުކުރި ޗައިނާގެ ހޮޓާ ވެއްޓުމުން 10 މީހުން މަރުވެއްޖެ

ކަރަންޓީނުކުރި ޗައިނާގެ ހޮޓާ ވެއްޓުމުން ތާށިވި މީހުން ސަލާމަތްކުރަނީ---

ކޮވިޑް-19 އަށް ޝައްކުވެގެން ކަރަންޓީނު ކުރި ޗައިނާގެ ހޮޓާ ވެއްޓުނު ހާދިސާގައި 10 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޗުއަންޖޯ ސިޓީގައި ހުރި އެ އިމާރާތް އިއްޔެ ވެއްޓުނު އިރު އެތަނުގައި 71 މީހުން ތިއްބެވެ.

އެ އިމާރާތުގައި ތާށިވެފައި ހުރި މީހުންގެ ތެރެއިން 48 މީހުން ސަލާމަތްކޮށްފައިވާ އިރު އޭގެ ތެރެއިން 38 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.

އެ ހޮޓަލްގައި ތިބި ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަަހައްދުގެ ގިނަ މީހުންވަނީ ސަރުކާރުން އަމަލުކުރި ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. ވެއްޓުނު އިމާރާތުގެ ވެރިމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އިމާރާތް ވެއްޓުނުއިރު އެތަނުގެ ފުރަތަމަ ފަންގިފިލާ ދިޔައީ މަރާމާތު ވެސް ކުރަމުންނެވެ.

ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދުވެސްކޮށްފަ އެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާންއިން ފެނިފައިވަނީ އެ ބަލީގެ 41 ކޭސް ވެސް މެ އެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް