ބަނދަރުތަކުގައި މުދާ ބަލައިފާސްކުރަން ކަސްޓަމްސްގެ އަންހެން އޮފިސަރުން!

ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ކަސްޓަމްސްގެ އަންހެން އޮފިސަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މުދާ ބަލާފާސްކޮށް ދޫކުރުމުގެ ދާއިރާގައި، ދެ ޖިންސުގެ މެދުގައި ޒަމާނުއްސުރެ އޮތް ތަފާތު ނައްތާލައި، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެކަން އިފްތިތާހް ކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައ،ި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

އަންހެނުންގެ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޖީލުގެ ހަމަހަމަކަމަށް އަހަރެން: އަންހެނުންގެ ހައްގުތައް ދެނެގަތުން" މިއެވެ.

ދުވަހުގެ ޝިއާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖިންސީ ހަމަހަމަކަން ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން އަންހެން މުވައްޒަފުންނަށް ތަފާތު ކުރުމެއްނެތި މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ކަސްޓަމްސް އިން ނިންމި ނިންމުމަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން އެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ކަސްޓަމްސްގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ބާރު އަޅުއްވައިފަ އެވެ.

ކަސްޓަމްސް ނަމޫނާއަކަށް ބަލައިގެން އެހެން އިދާރާތަކުން ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ، މުދާ ދޫކުރުމުގެ މަސައްކަތުގައި އަންހެން އޮފިސަރުން ރަސްމީކޮށް ހަރަކާތްތެރި ވާން ފެށުމުން ކަސްޓަމްސްގެ ދާއިރާއިން މިހާތަނަށް ނުލިބި ހުރި ގިނަ ފުރުސަތުތަކެއް އެ އޮފިސަރުންނަށް ހުޅުވިގެންދާނެ ކަމަށެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދެވޭ ދާއިރާއާ ގުޅުންހުރި ތަމްރީނުތަކުގައި ބައިވެރިކުރުމާއި، އަދި ކެރިއާ ޕާތުގެ ތެރެއިން މަތީ ހަރުފަތްތައް ގިރާކުރުމަށް ހުރި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ފްރަންޓް ލައިން ވަޒީފާތަކުގައި ހަރަކާތްތެރިވާ އަންހެނުން ހިފަހައްޓާ އުސޫލުތައް، ފިރިހެނުންނަށް ވުރެ ރަނގަޅުކަން ހާމަވެފައިވާ ދިރާސާތަކަށް ޝަރީފް ވަނީ އަލިއަޅުވާލައްވައިފަ އެވެ.

އެހެންކަމުން މިއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތަށް ކަސްޓަމްސް ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް