މިމަހު 15 އިން ފެށިގެން ހުޅުމާލޭގެ ބައެއް ސްޓޮޕްތަކަށް ބަސް މަޑު ނުކުރާނެ: އެމްޕީއެލް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިމަހުގެ 15 އިން ފެށިގެން ހުޅުމާލޭގައި ބަސް މަޑުކުރާ ސްޓޮޕްތައް މަދުކުރަން ނިންމައިފި އެވެ.

ހުޅުމާލެ އާއި މާލެ އާއި ދެމެދު ބަހުގެ ހިދުމަތްދެނީ އެމްޕީއެލްގެ ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުންނެވެ. އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް ހުޅުމާލޭގައި މިހާރު މަޑުކުރާ ބަސް ހުއްޓިތަކުގެ ތެރެއިން ބައެއް ބަސް ހަުއްޓިތަކަށް މަޑު ނުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 15 ވަނަ ދުވހުން ފެށިގެން ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ޓީ ޓައިމްސް ކުރިމަތީ ހުންނަ ބަސް ސްޓޮޕް އާއި ހަތްތަރިމާޓު ކައިރީ ހުންނަ ބަސް ސްޓޮޕް އަދި ސިފްކޯ ސްޓޮޕަށް މަޑުނުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިމާއެކު، ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުގެ ބަސްތައް ދެން މަޑުުކުރާނީ ހުޅުމާލޭގެ 10 ސަރަހައްދަކަށެވެ. އެއީ ގްލޯބްލައިން ހާޑްވެއާކައިރި ސްޓޮޕް އާއި ފެހިރެސް ޕާކު ސްޓޮޕްގެ އިތުރުން ފްލެޓު ނަންބރު 147 ބަސް ހުއްޓި އާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕް އަދު ދިރާގު ސްޓޮޕް އާއި ރެޑްވޭވް މޯލު ކައިރި ސްޓޮޕްގެ އިތުރުން ސެންޓްރަލް ޕާކު ސްޓޮޕް އާއި އަމިން އެވެނިއު ސްޓޮޕް އަދި އެމްއެންޑީއެފް ފްލެޓު ސްޓޮޕް އަދި ސަހަރާ ސްޓޮޕްް އެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ވަނީ ހުޅުމާލެ އިން މާލޭގެ ކާނިވަލް ސަރަހައްދަށް ވެސް ދަތުރުތައް ފަށައިފަ އެވެ. އެ ދަތުރުތަކުގެ ބަސް މަޑުކުރަނީ ރެޑްވޭވް ސިޓީ ސްކޮޔާ އަދި ސެންޓްރޯ މޯލް ބަސް ސްޓޮޕް އަށެވެ. ދާދި ފަހުން ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ވަނީ ހުޅުމާލެ އިން ދަރުމަވަންތަ ހޮސްޕިޓަލަށްވެެސް ދަތުރުތައް ފަށައިފަ އެވެ.

comment ކޮމެންޓް