ދިރާގު މުވައްޒަފުންނަށް މައިންގެ ކޮޓަރިއެއް

މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިރާގުގައި މައިންގެ ކޮޓަރިއެއް ގާއިމުކޮށްފި އެވެ.

ދިރާގުން ބުނީ މައިންގެ ކޮޓަރިއެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަންޕްކުރުން ފަދަ ކަންތައްތައް ކުރުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމަށެވެ.

ދަރިއެއް ލިބުމާއެކު ވަޒީފާއަށް އަނބުރާ އަންނަން ޖެހޭ މައިންނަކީ ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެއް ކަމާއި ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގެ އިތުރުން އާއިލާއެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަން ޖެހި، ހަމަހަމަ އަށް ދެބައި ބެލެހެއްޓުމަކީ ގިނަ މައިންނަށް ކުރިމަތިވާ ގޮންޖެހުމެއްކަން ދިރާގުން ފާހަގަކުރެ އެވެ.

ގިނަފަހަރަށް ވަޒީފާގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން ދެ އަހަރުން ދަށުގެ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގައި ދަތިތަކާ ކުރިމަލިލާން ޖެހޭކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މިއަދު ހުޅުވި މައިންގެ ކޮޓަރި -- ފޮޓޯ/ދިރާގު

ދިރާގުން އަދި ބުނީ، ލިބޭ ބްރޭކް ގަޑި ތަކުގައި ގެޔަށް ގޮސް ކުދިންނަށް ފީޑްކޮށް ކަންތައްކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ގިނަ ފަހަރު ގާތުން ކިރުދިނުމަށް ބުރޫ އަރާ، އަދި ބައެއް ފަހަރު ކިރުދިނުންހުއްޓާލަން ޖެހި، ފޯމިއުލާ އަށް ބަދަލު ކުރަން ޖެހޭ ހާލަތު އަންނަކަމަށެވެ.

މީގެ ސަބަބުން މައިންގެ ސިއްހަތަށްވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ވަނީ ދައްކާފަ އެވެ.

ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮންމެ އޮފީހެއްގައި މައިންގެ ކޮޓަރިތަށް ގާއިމުކުރުން ވަނީ ލާޒިމްކޮށްފަ އެވެ.

މިފަދަ ކަންކަމުގެ ސަބަބުން އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު މަގުފަހިކޮށް، އަންހެނުން ބާރުވެރިވެގެންދާކަން ވެސް ދިރާގުން ފާހަގަ ކުރެ އެވެ.

ދިރާގުން ބުނީ މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮފީސްތަކުގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑުކަމަށް އެ ކުންފުނިން ބުނެ އެވެ.

އެހެންކަމުން، އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާހައުލުގައި ހަމަހަމަ އުސޫލުތަކަށް ދިރާގުން އަމަލުކުރަމުން އަންނަ ކަމަށާއި ދިރާގުގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަށް ވަޒީފާގައި އަދި ދިރިއުޅުމުގައިވެސް ކާމިޔާބު ބަޔަކަށް ވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް