ވިލިވަރު ކަރަންޓީނު ފެސިލިޓީ ނިންމާ ޑިޒާސްޓާއާ ހަވާލުކޮށްފި

ކ.ވިލިވަރު ---

ކޮރޯނާ ވައިރަސް އާ ގުޅިގެން ކަރަންޓީނު ކުރާ މީހުން ބޭތިއްބުމަށް ކ. ވިލިވަރުގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީ ނިންމާ އެތަން ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުމާއެކު ވިލިވަރުގައި ތަރައްގީކޮށްފައިވާ ފެސިލިޓީގެ މަސައްކަތް ނިންމާލެވުނީ 10 ދުވަސްތެރޭ ކަމަށާއި އެކަމަށް 2.1މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ވިލިވަރުގައި ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓު އިތުރު ކުރެވޭނެ އިންތިޒާމުވެސް އެރަށުގައި ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ވިލިވަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އަކީ އެތަނަށް ގެންނަ ބަލިމީހުންނަށް ހިތްހަމަޖެހިގެން އުޅެވޭނެ ގޮތަކަށް، ފެންވަރު ރަނގަޅުކޮށް ތަރައްގީކޮށްފައިވާ ފެސިލިޓީއެވެ. އެއާކޯން ކޮޓަރިތަކުގައި ޓީވީ ހަރުކޮށްފައިވާއިރު މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ ވިލިވަރު ތަރައްގީކުރީ އެތަނަށް ގެންދާ ބަލިމީހުންނަށް ދުނިޔެއާއި ގުޅުން ނުކެނޑޭނެ އިންތިޒާމުތަކާއެކު ކަމަށެވެ.

ވިލިވަރަކީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ހަވާލުގައި އޮތް ރަށެކެވެ. އެ ރަށުގައި ކަރަންޓީނު ފެސިލިޓީ ގާއިމުކޮށްފައިވަނީ އެރަށުގެ އެއްބަސްވުމުގެ މާއްދާއަކަށް އިސްލާހު ގެނެސްގެން ކަމަށް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހިންގުން ހުއްޓާލާފައިވާ 100 އެނދުގެ އިތުރު ރިސޯޓެއްވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ. އަދި މިހާރު ހިންގުން ހުއްޓާލާފައިވާ ނުވަތަ ބަންދުކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ކަރަންޓީނު ފެސިލިޓީ ގާއިމު ކުރެވެން ހުރީ ކޮންތައްތަނެއްގައިތޯ ބަލަމުންދާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް