ކަޅުބިލަމަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ދެ ފަރާތަކުން ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެގެން އެ ދެ ފަރާތާމެދު ފިޔަވަޅު އަޅައިފި އެވެ.
އެ މައްސަލައިގައި އެ ދެފަރާތަށްވެސް މިހާރު "އެއްބަސްވުމާއި ހިލާފުވުމުގެ ނޯޓިސް" ފޮނުވާފައިވާ ކަަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމާއި ހިލާފުވުމުގެ ނޯޓިސް ދީފައިވާ ދެ ފަރާތަކީ، އުތުރުގައި (ހއ. އިން ކ. އަތޮޅު ހިމެނޭ ސަރަހައްދު) މަސް ގަތުމުގައި ރަހަކާތްތެރިވާންޖެހޭ އައިލެންޑް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި އިކޯ ފިޝަރީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ.
އެ ދެ ފަރާތަށްވެސް އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށްޓަކައި، 30 ދުވަހުގެ ނޯޓިސް ދީ އެމުއްދަތުގެ ތެރޭގައި ވޯކްޕްލޭންގައިވާ ކަންކަން ފުރިހަމަކުރުމަށްވަނީ އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ކަޅުބިލަމަހުގެ ސިނާއަތް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގދ. ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް ހޮރައިޒަން ފީޝަރީޒްއަށް 2005 ވަނަ އަހަރު ހަވާލުކުރިޔަސް އެތަނުގައި މާބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާތީ އެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅަން ބަންޑާރަނައިބުގެ އޮފީހުން ވަނީ ލަފާދިފަ އެވެ.