އެސްކްރޯ އެކައުންޓު ހަދަން އޭސީސީއަށް ލަފައެއް ނުދެން: އާޒިމާ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ސީޣާގައި ބުނާ ދެ އަމަލު ކުރި ކަމުގެ ހެއްކެއް ނެތް ކަމަށާއި އެހެން ކަމުން އެ ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ދައުލަތުން ވަނީ އާޒިމާގެ މައްޗަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލައިފައެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލަ މީގެ ކުރިން ބެއްލެވީ ގާޒީ އަހުމަދު ހައިލަމްއެވެ. އޭނާ މިހާރު މަގާމުން ވަކިކޮށްފައިވުމުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ ހަސަން ސައީދެވެ. މީގެ ކުރިން ގާޒީ ހައިލަމް ވަނީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައިފައެވެ.

މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ތިން އަމަލެއް ކުރި ކަމަށް ބަޔާން ކުރާ އިރު އޭގެ ތެރެއިން ދެ އަމަލެއް ކުރި ކަމުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އެސްކްރޯ އެކައުންޓެއް ހަދަން ލަފާ ދިނީ އާޒިމާ ކަމަށާއި، ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ނޫން އެހެން ފަައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެކައުންޓަށް ޖަމާވި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އޭސީސީއަށް އާޒިމާ މައުލޫމާތު ދީފައިވާ ކަމަށް މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާކަން އާޒިމާ ފާހަގަކުރެއްވި އެވެ.

އެސްކްރޯ އެކައުންޓެއް ހަދަން ލަފާ ދެއްވީ އާޒިމާކަން އެނގޭ އެއްވެސް ލިޔުމެއް ދައުލަތުން ދައްކާފައި ނުވާ ކަމަށް އާޒިމާ މިއަދު ވިދާޅުވިއެވެ. އޭނާ އަކީ މީގެ ކުރިން ބަންޑާރަނައިބުކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، އޭސީސީއަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ލަފާ ދޭން ޖެހޭ ތަނެއް ނޫންކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު އާޒިމާ ސިޓީއަކުން އޭސީސީއަށް ދެއްވި ކަމަށް ދައުލަތުން ބުނާ އިރު، އާޒިމާ އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ އެސްކްރޯ އެކައުންޓުގެ އެކައުންޓު ނަމްބަރު ނޫން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، އެ ވާހަކަތަކަކީ މީގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އާޒިމާ ހުށަހަޅުއްވައި، ދައުލަތުން އެ ހުށަހަޅުމަށް ޖަވާބުދީ، ޝަރީއަތުން ގޮތެއް ނިންމާފައިވާ ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިން މައްސަލަ ބެއްލެވި ގާޒީ އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވެ، އަލުން އެކަމާ ބެހޭގޮތުން ވާހަކަދައްކަވަން އާޒިމާ އެދިވަޑައިގަތެވެ.

އިބްތިދާއީ މަރުހަލާގައި ނިންމާފައިވާ ކަމެއް ގާޒީ ބަދަލުވުމުން އަލުން ފަށައިގެން ކުރިއަށް ގެންދިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދައުލަތުގެ ވަކީލު އައިޝަތު އެކަމަށް އިއުތިރާޒު ކުރެއްވި އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ، މީގެ ކުރިން ނިންމާފައިވާ ކަންކަމާ މެދު އަލުން ވާހަކަދައްކަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އެހެންނަމަވެސް، އާޒިމާ އޭނާގެ ނުކުތާތަައް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ވަކީލު އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވިއެވެ.

އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އައިޝަތު ވިދާޅުވީ، އެސްކްރޯ އެކައުންޓު ހަދަން އޭސީސީއަށް ލަފާދެއްވީ އާޒިމާކަން ރައީސް ޔާމީންގެ ޝަރީއަތުގައި ހެކިވެރިން ދިން ހެކިބަހުންނާއި އެ ޝަރީއަތުގައި ދެކުވެނު ވާހަކަތަކުން އެނގޭ ކަމަށެވެ.

އޭގެ އިތުރުން، ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު ދެއްވައި އޭސީސީއަށް އާޒިމާ ފޮނުވި ސިޓީގައި އޮތް އެކައުންޓު ނަމްބަރާއި އެސްކްރޯ އެކައުންޓުގެ ނަމްބަރާ ދިމާނުވިޔަސް، އެ ސިޓީއަކީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ޖަމާކުރިކަމުގެ މައުލޫމާތު ދިނުމަށް ފޮނުވި ސިޓީއެއްކަން އެ ސިޓީގެ އިބާރާތުން އެނގޭ ކަމަށް އައިޝަތު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމުގައި ޒިންމާގައި ހުރެގެން ކުށް ކުރި ކަމުގެ ތުހުމަތުގައިކަންވެސް އާޒިމާ ފާހަގަކުރެއްވި އެވެ. އެކަމަކު، އޭނާ އަމަލުތައް ކުރީ ރައީސް ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށްވެސް ދައުލަތުން ބުނާކަން އޭނާ ފާހަަގަކުރެއްވިއެވެ.

އޭގެ އިތުރުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކަމާއި އެކަމަށް އެހީތެރިވުމުގެ ދައުވާ ނޫންކަން އާޒިމާ ފާހަގަކުރެއްވިއެވެ. އެހެންކަމަށްވާއިރު، އޭނާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްނުދިން ނަމަ މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީނަށް ނުކުރެވޭނެކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އެކަމަކު، ރައީސް ޔާމީންގެ ޝަރީއަތް އާޒިމާގެ ބައިވެރިވުމަކާ ނުލައި ހިނގައި ސާބިތުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މައްސަލައިގައި ދެން އޮންނަ ބައިތައް ކުރިއަށްގެންދަން އާޒިމާ އެދިވަޑައިގަތީ ވަކީލެއްގެ އެހީތެރިކަމާ އެކު އެވެ. އެހެންވެ، މިއަދު އެ ބައިތައް ކުރިއަށްނުގެންދަވައި ވަކީލެއް ހަމަޖައްސަން ގާޒީ އާޒިމާއަށް ފުރުސަތު ދެއްވިއެވެ. އާޒިމާ ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަކީލު ހަމަޖެހޭނެ ކަމަށެވެ. އެހެންކަމުން މި މަހުގެ 26 ވަނަ ދުވަހަށް ގާޒީ ވަނީ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައެވެ.

comment ކޮމެންޓް