ސައޫދީން ޝާހީ އާއިލާގެ އިތުރު 20 މެންބަރުން އަނެއްކާވެސް ހައްޔަރުކޮށްފި

ރިޔާޒް (8 މާޗް 2020) : ސަޢޫދީ ސަލާމަތީ ބާރުތަކުން އެގައުމުގެ ޝާހީ ޢާއިލާގެ އިތުރު 20 މެންބަރުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ސައޫދީ އާއި ގަލްފުގެ ގިނަ ޚަބަރުތަކެއް ގެނަސްދޭ މަޝްހޫރު ސައިޓެއް ކަމަށްވާ "މިޑްލް އީސްޓް އައި" ބުނާގޮތުން މި 20 ބޭފުޅުން ހައްޔަރުކުރީ މިދިޔަ ހުކުރުދުވހު ހައްޔަރުކުރި ޝާހީ ޢާއިލާގެ އިސް ތިންމެންބަރުންގެ އިތުރުންނެވެ. މި 20 ބޭފުޅުން ހައްޔަރުކުރިކަން ސައޫދީ ސަލާމަތީ ބާރުތަކުގެ އިސް ވެރިއެއްކަމަށްވާ ނާޔިފް ބިން އަހްމަދު ބިން އަބްދުލްޢަޒީޒު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް"މިޑްލް އީސްޓް އައި" ބުނެއެވެ.

މިދިޔަ ހުކުރުދުވަހު ސަޢޫދީ ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ ޝާހީ އާއިލާގެ އިސް ތިން ބޭފުޅުންނަކީ ސަލްމާން ރަސްގެފާނުގެ އެއްބަފާކޮއްކޯފުޅު އަޙްމަދު ބިން އަބްދުލްޢަޒީޒް އާއި ކުރީގެ ވަލީއުލްޢަހްދު އަދި ކުރީގެ ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާޔިފް އާއި ނާޔިފްގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު ކަމަށް އެމެރިކާގެ މަޝްހޫރު ދެ ނޫސްކަމަށްވާ ނިއުޔޯކް ޓައިމްސްއާއި ވޯލްސްޓްރީޓް ޖާނަލް އިން ކަށަވަރުކޮށްދީފައިވެއެވެ. މި ހައްޔަރުކުރުންތަކާބެހޭގޮތުން ސަޢޫދީ ސަރުކާރުން އެއްޗެއް ބުނެފައިނުވާތީ އެކި ފަރާތްތަކުން ގެންދަނީ މިކަން އެކިގޮތްގޮތަށް ސިފަކުރަމުންނެވެ.

މި ހުރިހާ ބޭފުޅުންވެސް ހައްޔަރުކުރީ ސައޫދީގެ ހަގިގީ ވެރިޔާ ގެ ގޮތުގައި ސިފަކުރެވޭ ނުފޫޒުގަދަ ވަލީއުލްޢަހްދު މުޙައްމަދު ބިން ސަލްމާންގެ ބާރާއި ނުފޫޒާ ދެކޮޅަށް ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ޝާހީ ޢާއިލާގެ ތެރެއިން އިންޤިލާބެއް ގެންނަން މަސައްކަތްކުރުމާއެކު ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަނީ މުޙައްމަދު ބިން ސަލްމާނުގެ ބާރާއި ނުފޫޒު ކަނޑުވާލުމުގެ އިންޤިލާބެއް ޝާހީ ޢާއިލާގެ ތެރެއިން އައުމަކީ މިވަގުތަށް ބަލާއިރު ވަރަށް ދުރުކަމެއް ކަމުގައެވެ. ޝާހީ އާއިލާގެ އިސް ބޭފުޅުން ހައްޔަރުކުރުމުގައި މުޙައްމަދު ބިން ސަލްމާނުގެ ބޭނުމަކީ އޭނާގެ މައްޗަށް ބަސްކިޔުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމާއި ބައްޕާފުޅު ސަލްމާން ރަސްގެފާނަށްފަހު ރަސްކަމަށް އިސްވެވަޑައިގަންނަވާނީ އޭނާކަން ޝާހީ އާއިލާގެ އިސް ބޭފުޅުންނާއި އެއަށްވުރެ ދަށުގެ ބޭފުޅުންނަށް ހަނދާންކޮށްދިނުން ކަމުގައެވެ.

ސައޫދީ ޝާހީ އާއިލާގެ އިސް ބައެއް އަމީރުން

ހުކުރުދުވަހު ހައްޔަރުކުރި ކުރީގެ ވަލީއުލްޢަހްދު މުޙައްމަދު ބިން ނާޔިފް އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު ބއިތިއްބާފައިވަނީ ސަޢޫދީ ހަނަފަސް ސަހަރާ ބިމުގައިވާ ފޭލިގެއެއްގައި ކަމުގެ މަޢުލޫމާތު ވެސްވަނީ ފެތުރިފައެވެ. މިއީ ހަގީގަތެއްނަމަ މިކަންވެގެންދާނީ އެބޭފުޅުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނާތެއް ކަމުގައެވެ.

ސަޢޫދީ ރަސްކަމުގެ ހުރިހާ ބާރުތަކެއް ވަލީއުލްޢަހްދު މުޙައްމަދު ބިން ސަލްމާންގެ އަތްޕުޅުގެ މައްޗަށް ޖަމާކުރަން އޭނާ ކުރައްވާ މަސައްކަތްތަކާ ގުޅިގެން ޝާހީ ޢާއިލާގެ އިސް ބައެއް އަމީރުންގެ ހިތް ހަމަޖެހިވަޑައިނުގަތުމާއި ނުރުން ވަރަށް ބޮޑަށް އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ސަޢޫދީ ރަސްކަން ލީޑުކުރުމުގެ ޤާބިލްކަން މުޙައްމަދު ބިން ސަލްމާނުގެ ކިބާގައި ހުރިކަމާމެދު ސައޫދީގެ އެތެރެއާއި ބޭރުންވެސް ގިނަ ސުވާލުތަކެއް އުފައްދަމުން ގެންދެއެވެ.

މި ސުވާލުތައް އުފައްދަނީ ސައޫދީ މުޖްތަމަޢު ޒަމާނީ ކުރުމުގެ ނަމުގައި މުޙައްމަދު ބިން ސަލްމާނު އެގައުމަށް ގެންނަވާ އިޖްތިމާޢީ ބޮޑެތި ބަދަލުތަކުގެ ސަބަބުންނާއި އަރަބި އިސްލާމީ މައްސަލަތަކާ އަޅާނުލައްވައި ނުސީދާ ގޮތެއްގައި އިސްރާއީލާ ގާތްވުމާއި ޔަމަންގެ ހަނގުރާމައިގާ ސައޫދީ އަށް ކަމިޔާބު ނުލިބުމާއި ލީބިޔާއާއި ސޫރިޔާފަދަ ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ސައޫދީ ވަންނަމުން ދިޔުމުގެ ސަބަބުންނެވެ. އިޖްތިމާޢީ ބަދަލުތަކުގެ ތެރޭގައި ސައޫދީ އެކި ސިޓީތަކުގައި މިޔުޒިކީ ބޮޑެތި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިނުމާއި ހުޅަނގުގެ ސްޓައިލަށް ބިކިނީ ބީޗްތައް ސައޫދީގައި ހެދުމުގެ ހުއްދަ ދިނުންފަދަ ކަންކަން ހިމެނޭއިރު މިއީ ސައޫދީ ގެ ގިނަ ފަރާތްތަކަކުން ކަންބޮޑުވާ ކަންކަމެވެ. މިކަންކަމަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި ބައެއް ދީނީ އިލްމުވެރިންވެސް 2017 ވަނަ އަހަރު ވަނީ ހައްޔަރުކޮށްފައެވެ.

މީގެއިތުރުން މަޝްހޫރު ނޫސްވެރިޔާ ޖަމާލުލްޚާޝުޤްޖީ އަވަހާރަކޮށްލި ޖަރީމާގެ ފަހަތުގައި މުޙައްމަދު ބިން ސަލްމާން ވާކަމަށް ކުރެވޭ ތުހުމަތުތަކާ އަދި އިބްޤީޤްއާއި ޚުރަސްގައިވާ ސަޢޫދީ ތެލުގެ މަރުކަޒުތަކަށް ޔަމަންގެ ޙޫޘީން ދިން ޙަމަލާތަކަށް ރައްދުދު ދިނުމުގައި ސަޢޫދީ ސަރުކާރު ނުކުޅެދިފައި ވުމަކީވެސް ރަސްކަމުގެ މަގާމަށް މުޙައްމަދު ބިން ސަލްމާނު އަހުލުވެރި ނޫންކަމަށް ސައޫދީ ޝާހީ އާއިލާގެ ހަރުކުލައިގެ ބައެއް އިސްމެންބަރުންނާ އަދި ބޭރުގެ ބައެއް ފަރާތްތަކުންވެސް ދެކޭ ސަބަބެކެވެ. ނަމަވެސް މުޙައްމަދު ބިން ސަލްމާނުގެ ބާރާއި ނުފޫޒުގެ ސަބަބުން މިފަދަ ވާހަކަތައް ދެއްކުމަކީ ސައޫދީ ގެ އެތެރޭގައި ކުރެވޭވަރުގެ ކަމެއްނޫނެވެ.

އުމުރުފުޅުން 84 އަހަރުގެ ސަލްމާން ރަސްގެފާނަށްފަހު ސަޢޫދީ ރަސްކަން ލިބިވަޑައިގަންނަވަންޖެހޭނީ ރަސްގެފާނުގެ އެއްބަފާކޮއްކޯފުޅު އަޙްމަދު ބިން ޢަބްދުލްޢަޒީޒް އަށް ކަމަށް ދެކޭ ގިނަ އަމީރުންތަކެއް ޝާހީ ޢާއިލާގެ އިސް ސަފުގައި އެބަތިއްބެވި ކަމަށްވެއެވެ. ލަންޑަނުގައި ދިރިއުޅުއްވުމަށްފަހު 2018 އަހަރު އަޙްމަދު ދާއިމީ ގޮތަކަށް އެނބުރި ޤައުމަށް ވަޑައިގެންނެވި ނަމަވެސް ރަސްކަން ހޯއްދެވުމަށް އޭނާ މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް މުޙައްމަދު ބިން ނާޔިފް ވަލީއުލްޢަހްދު ކަމުން ދުރުކޮށް މުޙައްމަދު ބިން ސަލްމާނު އެމަޤާމަށް ޢައްޔަން ކުރުމަށް 2017 އަހަރު ޝާހީ ޢާއިލާއިން ބައިޢަތު ހިފިއިރު ބައިޢަތާބެހޭ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަޙްމަދު އެކަމަށް ސީދާ ގޮތެއްގައި ދެކޮޅު ހައްދަވާފައިވެއެވެ. އަޙްމަދާއި މުޙައްމަދު ބިން ސަލްމާނުގެ ގުޅުންތައް ގޯސްވީ އެހިސާބުން ކަމަށް ވެއެވެ. އަޙްމަދަކީ ސައޫދީ ރަސްކަމުގެ ބާނީ ކަމަށްވާ ކިންގް އަބްދުލްއަޒީޒުގެ ބޭފުޅެކެވެ. މުޙައްމަދު ބިން ސަލްމާނަކީ ކިންގް އަބްދުލްއަޒީޒަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ.

އަނެއްކޮޅުން ކޮރޯނާ ވައިރަސް ގެ މައްސަލާގައި ދެ ހަރަމްފުޅު ވަގުތީ ގޮތުން ބަންދުކުރުމަށް ސައޫދީ ސަރުކާރުން ނިންމިއިރު ފަތުރުވެރިންގެ ޙަރަކާތްތަކާއި ގިނަ ބަޔަކު އެއްވެގެން މިޔުޒިކީ ޙަފްލާތައް ބޭއްވުން މަނާނުކުރުމުންވެސް ޝާހީ ޢާއިލާގެ ބައެއް އިސް މެންބަރުން މުޙައްމަދު ބިން ސަލްމާނުގެ ދެކެ ކޯފާވި ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ. މިއަދު ސައޫދީގައި ހައްޔަރުކުރި ޝާހީ އާއިލާގެ 20 މެންބަރުންގެ އިތުރުން ސިފައިންގެ ބައެއް އޮފްސަރުންނާއި ދާޚިލީ ވުޒާރާގެ ބައެއް މަސްއޫލުވެރިންވެސް ހައްޔަރުކޮށްފައިވާ ކަމަށާ އެކަމުގެ ސަބަބުން ސައޫދީގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމަކާއި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ސައޫދީ އާ އެންމެ ބޮޑަށް ގުޅުންތައް އޮންނަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ނޫސްތައް ބުނެއެވެ. (މިޑްލް އީސްޓް އައި + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު