އިންތިހާބު ފަސްކުރަން ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާކުރާނެ: އަލީ ވަހީދު

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އައުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާމެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ކަން ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެއާއެކު އިންތިހާބު ފަސްކުރުމަށް ބައެއް އާންމުން ދަނީ ގޮވާލަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމަވާނީ އެންމެގެ ހިޔާލާއެކު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރާނެ. އިންތިހާބަކީ ސަރުކާރުގެ އަމިއްލަ، އެކަނި އެއްޗެއް ނޫން. ސަރުކާރާއި ސަރުކާރުގެ ވާދަވެރި ޕާޓީތަކާއި ހުރިހާ ރައްޔިތުންގެވެސް ހައްގެއް. އަޅުގަނޑު ދެކޭ ގޮތުގައި އޭގައި ނިންމަވާނީ ކަލެކްޓިވް ޑިޒިޝަނެއް،" މިނިސްޓަރު އަލީ ވަހިދު ވިދާޅުވި އެެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އިންތިހާބު ފަސްކުރުމާމެދު ސަރުކާރުން ގޮތެއް ނިންމަވާނީ އެންމެގެ ހިޔާލާއެކު ކަމަށް ވިދާޅުވި --- ފޮޓޯ/ ޕީއެސްއެމް

މިނިސްޓަރު ވިދާޅުވީ، އެކަމުގައި މަޝްވަރާގެ މަތިން ސަރުކާރުން ގޮތެއް ނިންމެވި ނަމަވެސް، ފަހުގެ ނިންމުން ނިންމަވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

"[އިންތިހާބު ބޭއްވުމުގައި] ރިސްކެއް ނުނަގާނަން. އިލެކްޝަންސް ކޮމީޝަނަކީ މިނިވަން މުއައްސަސާއެއް. އެ މުއައްސަސާއިން އިންތިހާބާ ގުޅޭ ފައިނަލް ނިންމުން ނިންމަވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބިގެންދާކަން ފާހަގަ ކުރައްވައި، ސިޔާސީ ޕާޓީތަކަށް އަލީ ވަހީދު ޝުކުރު އަދާ ކުރެއްވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް މިއަދު ވިދާޅުވީ، އެކަމަށް ކޮމިޝަންގައި މަޝްވަރާވެސް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ހާލަތައް ބަލައި، އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް މަހަކަށްވުރެ ކުޑަ ދުވަސްވެފައިވާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިންވެސް މަޑުޖައްސާލާފަ އެވެ. އެގޮތުން އެމްޑިޕީއާއި ޕީޕީއެމް އިން ވަނީ ކެމްޕެއިން ހަރަކާތްތައް ހުއްޓާލާފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ބޭއްވުމަށް ނިންމި އެ ޕާޓީ ކައުންސިލް ކެމްޕެއިން ލޯންޗިން ޖަލްސާވެސް ވަނީ ފަސްކޮށްފަ އެވެ.

ދެ މީހަކު ކުރެއްދޫ އިން ބައްޔަށް ޕޮޒިވް ވެފައިވާއިރު، އެ ރަށް މިހާރު އޮތީ އޮރެންޖް އެލާޓަށް ބަދަލުކޮށް، ރަށަށް އަރައި ފޭބުން ވެސް މަނާކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ.

ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ. އޮރެންޖް އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ.

ކުރެއްދޫ އިން ދެ މީހުން ޕޮޒިޓިވް ވެފައި މިވަނީ، އިޓަލީން އެ ރިޒޯޓަށް އައި ފަތުރުވެރިޔަކު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

comment ކޮމެންޓް