އެއްބައިވަންތަކަން ދައްކައިދީ، ޔާމީން ގެއަށް ބަދަލު ކޮށްދީ: އިދިކޮޅު

ފެބްރުއަރީ 28، 2020: ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާގެ ނުރައްކާ ރާއްޖެއަށް ވެސް އައިސްފައިވާއިރު، ސަރުކާރުން އެއްބައިވަންތަކަން ދައްކައިދީ، މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގޮވާލައިފި އެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ އޮފީސް، ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މި ވަގުތަކީ ސިޔާސީ ހިޔާލުތަފާތުވުން އެއްކައިރިކޮށް ގައުމީ ވިސްނުން އިސްކޮށް، އެންމެން އެއްބައިވަންތަ ވާންވީ ވަގުތު ކަމަށެވެ. އަދި ސަރުކާރުން އެގޮތަށް މަސައްކަތްކޮށްދީ، މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެއްބައިވެގެން މަސައްކަތްކޮށްގެން ނޫނީ މިފަދަ ދަތިތަކުން އަރައިނުގަނެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް އިބްްރާޙިމް މުހައްމަދު ސޯލިހަށް ގޮވާލަން މިއީ ދިވެހި ގައުމުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް މަނިކުފާނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކޭ. އަދި ނަމޫނާ ދެއްކެވުމުގެ ގޮތުން އިދިކޮޅު ލީޑަރު ޖަލުގައި ހުރި ހުރުން ނިމުމަކަށް ގެނެސް އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވާށޭ،" އަދުރޭ ވިދާޅުވި އެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ: ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންނެވި --- ފޮޓޯ/ ޕީޕީއެމް

އަދުރޭ ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުންވެސް މިފަދަ ދަނޑިވަޅުތަކުގައި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ޖާގަ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުންވެސް އެ ނަމޫނާ ދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"މިސާލަކަށް ކޮލެރާ ދުވަސްވަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭރުވެސް މުޅި ގައުމުގެ އެއްބައިވަންތަކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައިގެން ނަތީޖާއަށްވީ ދާދި އަވަހަށް އެ ނުރައްކާތެރި މުސީބާތުން ރައްޔިތުން ސަލާމަތްވެގެން ދިޔުން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، 2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައިވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އިސްކުރެއްވީ ގައުމު ކަމަށެވެ. އޭއާއެކު އެ ހާލަތުންވެސް އޭރު އަރައިގަނެވުނު ކަމަށެވެ.

"މިއަދު މިއޮތީ އެފަދަ ހާލަތެއް ކުރިމަތިވެފައި. މިހާލަތުގައި އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިކަމަށްވުރެ ބޮޑަށް މުޅި ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރޭ ރާއްޖެއިން ކޮރޯނާއަށް ދެ މީހަކު ޕޮޒިޓިވްވި ހަބަަރާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖްކުރެއްވި ކަމަށެވެ. އަދި އެ މެސެޖުގައި މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތުކަމާއި މިކަމުގައި އިދިކޮޅުން ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީން ކަން ރައީސް ސޯލިހަށް ދެއްވި ކަމަށް ވިދާޅުވި އެވެ.

ފުލުހުން ހިންގަމުން އަންނަ ތަހުގީހަށް ސުވާލުކުރުމަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު 1:00 އަށެވެ. އެކަމާ ގުޅިގެން އަދުރޭ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަދުރޭ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވިއިރު، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން ފަހުވަގުތު ކެންސަލް ކުރި އެވެ. ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މިހާރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ. މިހާރު އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

ކޮރޯނާގެ ދެ ކޭސް ކުރެއްދޫ އިން ފެނިފައިވާއިރު، އެ ރަށް މިހާރު އޮތީ އޮރެންޖް އެލާޓަށް ބަދަލުކޮށް، ރަށަށް އަރައި ފޭބުން ވެސް މަނާކޮށްފަ އެވެ.

ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ. ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ. އޮރެންޖް އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ.

comment ކޮމެންޓް