ގޭމްގެ ރައީސަކަށް ނާސިހު

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ނާސިހު -- ފޮޓޯ: ގޭމް

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސަކަށް ޔޫއައި އިންގެ ވެރިޔާ މޫސާ ނާސިހު ހޮވައިފިއެވެ.

ގޭމްގެ ރައީސަލަށް ނާސިހު ހޮވާފައިވަނީ އިއްޔެ ހުޅުމާލޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. ރައީސްގެ މަގާމަށް ނާސިހު ހޮވާފައި ވަނީ އެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އޮޓަމެޓިކުންނެވެ.

އިއްޔެގެ ޖަލްސާގައި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އެހެން މަގާމުތަކަށްވެސް ބޭފުޅުން އައްޔަނުކޮށްފައިވެ އެވެ.

އެގޮތުން ގޭމްގެ ނައިބުރައީސުންގެ ގޮތުގައި ހޮވާފައިވަނީ މުހައްމަދު އިމްތިޔާޒު (ވައިޓްލެގޫން/ބ.ފެހެންދޫ) އަދި އަބްދުއް ސަމީއު އިސްމާޢިލް (ގުންބަރު އިން/އއ.އުކުޅަސް) އެވެ.

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އޭޖީއެމް --- ފޮޓޯ: ގޭމް

މީގެ އިތުރުން އެ އެސޯސިއޭޝަނުގެ ފައިނޭންޝަލް ކޮންޓްރޯލަރަކަށް ހަސަން މަނިކް (ކޮކްނަޓް ޓްރީ/ ހުޅުމާލެ) ކޯޕަރޭޓް އެފެއާޒްގެ މަގާމަށް ސައުދުﷲ އަބްދުލް ހަސަން ދީދީ (ތްރީ އިން/ ހުޅުމާލެ) އަދި ޕީއާރު އެންޑް މާކެޓިން އަށް (ފަންހާ ގެސްޓްހައުސް/ ހއ. ހަނިމާދޫ) ވަނީ ހޮވައިފައެވެ.

މީގެ އިތުރުން އެ ޖަމްއިއްޔާގެ ހިންގާ ގަވައިދަށް ވަނީ 12 އިސްލާހެއް ހުށަހަޅާ އެ 12 އިސްލާހުވެސް ފާސް ކޮށްފައެވެ.

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އޭޖީއެމް --- ފޮޓޯ: ގޭމް

އިއްޔެގެ ޖަލްސާގައި މޫސާ ނާސިހު ވަނީ މިދައުރުގައި ގޭމް ހިންގާނެ ގޮތުގެ ތައާރަފެއް ހުށަހަޅާފައެވެ. މިގޮތުން މިދައުރުގައި ހަތަރު ކުއާޓަރަށް ބަހާލައިގެން ގެސްޓް ހައުސް ތަކަށް ދިމާވެފައިވާ މާކެޓިން، ފައިނޭންޝަލް، ތަމްރީން
އަދި ޓްރެއިނިން މިދާއިރާ ތަކަށް ފޯކަސް ކޮށް މަސައްކަތްތަކެއް ކުރައްވަނެކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި މިދިޔަ ދައުރުގެ ރައީސް އަހުމަދު ކަރަމްވަނީ ވޭތުވެދިޔަ ދައުރުގައި ގޭމް ހޯއްދެވި ކާމިޔާބުތަކުގެ މައްޗައް އަލި އަޅުއްވާ ވާހަކަ ދައްކަވާފައެވެ.

ގޭމްގެ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް