ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

ރައީސް ޔާމީން: މިއަދު އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ފުލުހުން އަންނީ ރައީސް ޔާމީންއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގެއް ހިންގަމުންނެވެ. ބެެލެވޭ ގޮތުގައި މިއަދު ފުލުހަށް ހާޒިރު ކުރަނީ އެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު 1:00 އަށް އަނެއްކާވެސް ތަހުގީގަށް ހާޒިރުކުރުމަށް އަންގާފައިވާ ކަމަށެވެ. ރާއްޖެއިން ރޭ ކޮރޯނާއަށް ދެ މީހަކު ޕޮޒިވްވެފައިވާކަން ހާމަވެފައިވާއިރު، މިހާލަތުގައި ފުލުހުން ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މުޅި ރާއްޖެއަށް ރޭގައި ލިބުނީ ކުއްލި ސިހުމެއް. ނުރައްކާތެރި ރޯގާ ރާއްޖެއިން ފެނުނު ހަބަރު. އެކަކު އަނެއްކަކަށް ހަމްދަރުދީ ވާންވީ ވަގުތު މީ. އެކަމަކު ޕޮލިސް އިން އަވަސް ވެގަތީ މިއަދު 1:00 އަށް ރައީސް ޔާމީން އަނެއްކާވެސް ތަހުގީގަށް ހާޒިރުކުރަން،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާލަތުގައި ފުލުހަށް ހާޒިރުކުރާތީ ކަންބޮޑުވުން ފާޅުކޮށް، މިހާލަތުގައި މިއަށްވުރެ މުހިންމު ކަމެއް ނެތީތޯ ޖަމީލް ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން މިއަދު 1:00 އަށް ފުލުހަށް ހާޒިރުކުރަން އަންގާފައިވާ ކަން ކަރެކްޝަންސް ސާވިސް އިން ވެސް "ސަން" އަށް ވަނީ ޔަގީންކޮށްދީފައެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރަން އަންގާފައިވޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލްއާ ސުވާލު ކުރުމުން ވިދާޅުވީ، އެ މުއައްސަސާއިން އެ މައުލޫމަތު ހާމަ ނުކުރާ ކަމަށާއި ނަމަވެސް ފުލުހަށް ހާޒިރު ކުރުމުން އެ މައުލޫމަތު އަރުވާނެ ކަމަށެވެ.

ރައީސް ޔާމީންއާ ގުޅޭ ގޮތުން ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅިގެން ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިއެވެ. އެންމެ ފަހުން ހާޒިރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ފުލުހުން ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ގަޑިއެއްހާއިރަށް ގެއަށްވެސް ދޫކޮށްފައެވެ.

https://sun.mv/132449

ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިހާރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް