އަންހެނުންނާ މެދު ތަފާތު ކުރުމުގެ ސިޔާސަތު ނިމުމަކަށް ނާދޭ: އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ ރައީސް އީނާސް އަދި ނައިބު ރައީސް ޒާހިދު ---

އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ވެސް އަންހެނުންނާ މެދު ތަފާތު ކުރުންތައް ގެންގުޅެމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފި އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.

ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ލާމަރުކަޒީ ގާނޫނަށްއަށް މިފަހުން ގެނެވުނު އިސްލާހާ ގުޅިގެން، މުޖުތަމައުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ދާނެކަމަށެވެ.

"އެހެންނަމަވެސް، މި ގެނެވުނު އިސްލާހާގުޅިގެން، މުޖުތަމައުގެ ބައެއް ފަރާތްތަކާއި، ބައެއް ސިޔާސީ ފަރާތްތަކާ އަދި ހަބަރު ފަތުރާ ބައެއް ވަސީލަތްތަކާއި މީސްމީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ވަނީ ހާއްސަކޮށްފަ އެވެ. އެ ދާއިރާތަކަަށް ފިރިހެނުންނަށް ކުރިމަތިނުލެވޭތީ އެ އިސްލާހް ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމްކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. ސުޕްރީމް ކޯޓުން ބުނީ އެ މައްސަލަ ބެލުމުގެ އިސްތިސާސް ލިބިގެންވަނީ ހައިކޯޓަށް ކަމަށެވެ.

ސުޕްރީމްކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅާނެކަމަށްވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްއިން ބުނީ ރާއްޖޭގައި، ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން އަންހެނުން ކުރިއެރުން ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ދާއިރާތަކުން އަންހެނުންނަށް ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށާއި ވަޒީފާ ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކުރެވިފައި ނެތްނަމަވެސް، ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އޭގެއިތުރުން ތަޢުލީމު ހާސިލުކޮށްފައިވާ ގާބިލު އަންހެނުން ތިބިނަމަވެސް، މުޖުތަމައުގައި ހުރި ބައެއް ގަބޫލުކުރުންތަކުގެ ސަބަބުން ބައެއް ވަޒީފާތައް އަދާކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކާ ކުރިމަތިމަތިލާންޖެހޭކަންވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

"އެހެންކަމުން، ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް، ގާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ގާނޫނު) ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި، މި ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލަމެވެ. މީގެއިތުރުން، ސިޔާސީ މައިދާނުގައާއި، ޤައުމުގެ ތަރައްގީގައި އަންހެނުންގެ ދައުރުފުޅާކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މީޑިއާއިން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްއިން ބުންޏެވެ.

comment ކޮމެންޓް