ބީއެމްއެލްއަށް އޮަޕަރޭޝަންސް ޑިރެކްޓަރެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އައްޔަނު ކުރެއްވި ލޯރާ ޖޭމިސަން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަނު ކޮށްފިއެވެ. އެ މަގާމަށް އައްޔަނުކޮށްފައިވަނީ ލޯރާ ޖޭމިސަންއެވެ.

ލޯރާއަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ހޯއްދަވާފައިވާ އަދި ކަސްޓަމާ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ.

ލޯރާގެ ކެރިއަރުގައި އޭނާ ވަނީ މާލީ ދާއިރާގެ ހިންގެވުމުގައި އިސް މަގާމްތަކެއް ފުރުއްވައިފައެވެ. މި ގޮތުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ބާކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމަ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމްވެސް ފުރުއްވާފައެވެ. މީގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓަ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑަ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން ލޯރާ ހުންނެވީ އެންގްލިއަން ވޯޓަރގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި މަގާމުގައި އިސްކޮށް ހުންނަވައިގެން އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގަވާފައެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ލޯރާ އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ލޯރާ ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކާއެކު ކަސްޓަމަރުން އުއްމީދުކުރާފަދަ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމާއެކު ލޯރާ އަށް އިތުރު ކާމިޔާބީއަށް އެދެން،" ޓިމްވިދާޅުވިއެވެ.

ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

comment ކޮމެންޓް