މަ ލޯތްބެއް ދެން ނުވާނަމޭ... -27

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"ޒާނާ" ޒަލަފްގެ ދެ ތުންފަތް ފޫ ދުދުއްވާލާފައި ނުކުތް ޒާނާގެ ނަމާ އެކު އޭނާއަށް ބަލާލެވުނީ އިޔާންގެ މޫނަށެވެ. އެވަގުތު ޒާނާ އިޔާންއާއި އިތުރަށް ގާތްވެލިއެވެ. އޭނާ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލި އެވެ.

'ދޮންބެވެސް ތަ؟ މި އަންހެނާ ނޫން މީހަކު ނުފެނުނީތަ؟" ޒަލަފްއަށް ބުނެވުނެވެ. އިޔާން އިސްޖަހާލިތަން ފެނުނެވެ. އިތުރު އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ.

"އިޔާން... ލޯބީ... އަހަރެން ދިޔައިއްޔޭ އިނގޭ... ޒަލަފްއަށް ބަލާލުމަށް ފަހު ކާމިޔާބުގެ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒާނާ ހިނގައިގަތީ ޒަލަފްގެ ކޮނޑުގައި ވެސް ކުޑަކޮށް ޖެހިލާފަ އެވެ.

ޒާނާ ދިޔަތަން ބަލަން ހުރުމަށް ފަހު ޒަލަފް އެނބުރިލީ އިޔާން އާ ދިމާލަށެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފަ އެވެ. ޒަލަފް އެއްޗެއް ބުނަންވާއިރަށް އިޔާން ވާހަކަ ދައްކަން ފެށި އެވެ.

'ޒެލް... އައި ކެން އެކްސްޕްލެއިން" އިޔާން ބުނެލި އެވެ.

"ކޯންޗެއް އެކްސްޕްލެއިން ކުރަން... ހުރިހާ އެއްޗެއް ވެސް ފެނި ނިމިއްޖެއެއްނު... މިހާރު މާމައްޗަށް ތި ދަނީ... މާދަން އަހަރެން މަންމަމެންގާތު ވެސް ތިޔަ ވާހަކަ ބުނާނަން" ޒަލަފް ބުނެލި އެވެ.

އެއާއެކު އިޔާން ދެފަރާތަށް ބޯ ހޫރާލި އެވެ.

"ނޫނެއްނޫން...ބަލަ ނޭނގޭތަ ތިމާ އަނބިމީހާ ބަނޑު ބޮޑޭ... ހިލޭ އަންހެނުން ކޮޓަރިއަށް ވައްދައިގެން އަމިއްލަ އަނބިމީހާ ކޮޓަރިން ބޭރަށް ލައިގެން އުޅޭނެހާ ވައްތަރަކަށް ތިޔަ އުޅެނީ" ޒަލަފްގެ ރުޅިގަނޑު މައިތިރިވާކަށް ނޫޅުނެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. އިޔާން ވާހަކަ ދައްކަން އުޅުނު ނަމަވެސް ޒަލަފް ހުރީ އެ އަޑު އަހާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާ ހުރީ އެއަށް ވުރެ ރުޅިއައިސްފަ އެވެ.

"ޒެލް... އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު އަޑު އަހާލަބަލަ" އިޔާން އެދުނެވެ.

"އަޑު އަހާނެވަރަކަށް އަޑު އަހައިފިން... ތިހާ ޒާނާ ބޭނުންވަންޏާ އައިރީން ވަރިކުރަންވީނު... އޭރުން ބޭނުންހާ ގޮތަކަށް އުޅެވޭނެއެއްނު... އެއްފަހަރު ބޭފަވާތެރިވެފައި ދިޔައިމާ ވެސް ދެން އައިމަ އުނގަށް ލައިގެން ލޯބީގެ މާތަށް ފޮޅުވަން އިންނަން ބަލަ ތީ ކުޑަކުއްޖެއްތަ؟ ނުވިސްނޭ މޮޔައެއްތަ؟" ޒަލަފް ބުނެލި އެވެ.

"ޒެލް... އަޑު މަޑުކޮށްބަލަ" އިޔާން އެދުނެވެ.

"ނުވާނެ... މި ހިސާބަށް ކަންތައްތައް ދިޔައިމަ ދެން މަޑަކުން ވާހަކައެއް ނުދެއްކޭނެ... ކެތް ކުރެވޭނީ ވަކި ވަރަކަށް... އަހަރެން ދޮންބެ އޭ ކިޔަންވެސް ލަދުގަނޭ... މަންމަމެން ދަސްކޮށްދިނީ ތިހެން އުޅެންތަ؟ އެއްފަހަރު ވެސް ކުރެވޭ ފާފައާ މެދު ވިސްނާލިންތަ؟" ޒަލަފްބުނެލި އެވެ.

އިޔާންއޭނާގެ އަތް އިސްތަށިގަނޑުގެ ތެރެއަށް މަހާލި އެވެ. އިތުރަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާއަށް އަޑުއިވުނީ އައިރީންގެ ގިސްލުމުގެ އަޑެވެ. އައިރީންގެ ކޮޓަރިއަށް ނަޒަރު ހިންގާލުމަށް ފަހު ޒަލަފްއަށް ބަލާލި އިރު ޒަލަފް ދެލޯ އަޅާލައިގެން ހުއްޓެވެ. އައިރީންގެ ބަޑިފަޅައިގެން ގިސް ރޮވެން ފެށުނީ އިވުނު ވާހަކަތަކަކުންނެވެ. ޒާނާ އަކީ އިޔާން ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އިޔާން އަނެއްކާ ޒާނާ އާ ގުޅުން ބާއްވަން އެ ފެށީ އޭނާއާއެކު އުޅެން ބޭނުންނުވީ މަހެއްޔެވެ؟ އެކަމަކު ކީއްވެހެއްޔެވެ؟ އޭނާގެ ބަނޑުގައި މިއޮތީ އިޔާންގެ ދަރިއެކެވެ. އޭނާއާއި އިޔާންގެ ލޯބީގެ ނިޝާނެއް ނޫންހެއްޔެވެ؟ އޭނާގެ މުޅި ދުނިޔެ އެކީ ބަނަވެގެން ހިނގައްޖެ އެވެ. އިޔާންއާ އެކު އުފާވެރި ހަޔާތެއް ދުށުމަށް ކުރި އުންމީދު ފެނަށް ވެއްޖެ އެވެ. އިޔާންގެ ފުށުން އިތުރަށް އޭނާއަށް އެއްވެސް އުންމީދެއް ކުރެވިދާނެހެއްޔެވެ؟

"އަޑު އިވޭތަ.... ބޭފަތާރެރިކަމުން އަސަރުކުރަނީ ކާކަށްކަން ވިސްނާލަބަލަ؟ އެއީ ހަމައެކަނި އައިރީންއަށް ކުރާނެ އަސަރެއް ނޫނޭ... އައިރީންގެ ބަނޑުގައި އެ އޮތީ ބަލަ ދޮންބެ ވެސް ދަރިއެކޭ... އެއްފަހަރު ވެސް ވިސްނާލިންތަ؟ ދޮންބެގެ އަނބިމީހާ އާ ދޭތެރޭ ވިސްނާލިންތަ؟ ބަނޑުގައި އުފެދެމުން އެދާ ތުއްތު ފުރާނައާ މެދު ވިސްނާލިންތަ؟" ޒަލަފް ބުނެލި އެވެ.

އެއްވެސް އެއްޗެއް ނުބުނެ ހުރުމަށް ފަހު އިޔާން އެނބުރިލާ ރެއިލިންގައި އަތް އަޅުވާލި އެވެ. އެހެން އިރުކޮޅަކު ހުރި ފަހުން ޒަލަފް އިޔާން ކައިރިއަށް ޖެހިލާ އިޔާންގެ މޫނަށް ބަލާލި އެވެ. އެއާއެކު އޭނާއަށް ފެނުނީ އިޔާންގެ ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދިޔަ ކަރުނަ އެވެ. ލިބުނު ހައިރާންކަމުން ޒަލަފްގެ ބަސް ހިނދުކޮޅަކަށް ހުއްޓުނެވެ. އޭނާ އިޔާންއަށް ބަލަން ހުރެފައި ވާހަކަ ދައްކަން އަނގަހުޅުވާލާފައި ވެސް ލައްޕާލީ އިޔާންގެ މޫނުމަތިން އޭނާއަށް ފެނުނު އަސަރަކުންނެވެ. އިޔާންއެހާ ދެރަވެފައި ހުއްޓާ އޭނާ މީގެ ކުރިން ދުވަހަކު ވެސް ދެކެފައެއް ނުވެ އެވެ. އަދި އަމްދުން އެނާގެ އުމުރުން ވީހާ ދުވަހު އިޔާންގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް އޭނާ އެއް ނުދެކެއެވެ. އެހެންނަމަވެސް....

އެހެންނަމަވެސް މިއަދު އެމޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއްނެތެވެ. އެ ދެލޯ ބުނެދެނީ މުޅިން އެހެން ވާހަކައެވެ. އެ މަޑުމޮޅިކަން ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތްކުރަމުންދާ ފަދައެވެ. އެ ހަމަހިމޭންކަން ކޮންމެވެސް ކަމެއް ފޮރުވަން އެބަ މަސައްކަތް ކުރެއެވެ. އެ ކަރުނަތައް އެބަ ކޮންމެވެސް ސިއްރެއް އެކަމުގައި ވާނެކަމުގައި ބުނެ އިންޒާރުދެ އެވެ.

"ދޮންބޭ" ޒަލަފްއަށް އެންމެ ފަހުން ގޮވާލެވުނެވެ.

"ޒެލް... ލެޓްސް ޓޯކް..." އިޔާން ކުއްލިއަކަށް ބުނެލިއެވެ. އައިރީންގެ ރުއިމުގެ އަޑު ދިމާލަށް ބަލާލުމަށް ފަހު އިޔާން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

"ޒެލް... ޕްލީޒް... ރީން ހުއްޓުވާ... ޕްލީޒް... އަހަރެން އެއަށް ފަހު ހުރިހާ ވާހަކައެއް ކިޔައިދޭނަން... އެކަމަކު މި ވަގުތު ރީން... މިހާރު ވެސް މާ ބޮޑަށް ރޮވިއްޖެ" އިޔާންގެ އަޑުގައި މަޑު ތުރު ތުރު އެޅުމެއް ހުރިކަން ޒަލަފްއަށް ވެސް ދެނެގަނެވުނެވެ. އޭނާ އިޔާންއަށް ބަލަން ހުރެފައި ބޯ ޖަހާލި އެވެ. އެއަށް ފަހު ގޮސް ޒަލަފްއޭ ބުނެލާ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޖަހާލި އެވެ. އައިރީން ހުޅުވާ ޚިޔާލެއް ނުކުރެ އެވެ.

"ދޮންބެ ދައްތާ! ދޮންބެއެއްނެތޭ" ޒަލަފް އެތައް އާދޭސްތަކެއް ކުރުމުން ވެސް އައިރީން ދޮރު ހުޅުވާގޮތެއްނުވި އެވެ.

"ދެން ތި ކިޔަން އުޅޭ އެއްޗެއް ކިޔާބަލަ" ޒަލަފް އެދުނެވެ. އިޔާން އެދުނީ އައިރީންއަށް އަޑު ނީވޭ ހިސާބު ދުރަށް ދާށެވެ. ޒަލަފް އިޔާންއަށް ބަލާލާފައި ބޯ ޖަހާލި އެވެ. އިޔާން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ޒަލަފް ވެސް ދިޔަ އެވެ. ގާތްގަނޑަކަށް ފަނަރަ މިނިޓް ފަހުން ދެމީހުން ނުކުތް އިރު ޒަލަފްގެ މޫނުމަތިން ވެސް ފެންނަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެކެވެ. ދެމީހުން އެކުގައި އައިރީންގެ ކޮޓަރީގެ ދޮރާ ދިމާލަށް ނަޒަރު ހުއްޓާލިއިރު އައިރީންގެ ގިސްލުމުގެ އަޑު ވަނީ މެދު ކެނޑިފަ އެވެ.

"ދޮންބޭ! ދޮންބެ ދައްތައަށް ވެސް ހަޤީގަތް އެނގެން ޖެހޭނެއެއްނޫންތަ؟" ޒަލަފްއަށް ބުނެވުނެވެ. އިޔާން ދެކޮޅަށް ބޯ ހޫރާލި އެވެ.

"އެއީ ކީއްވެ؟" ޒަލަފް އަހާލި އެވެ.

"އެއްވެސް ހާލަތެއްގައި ރީންއަށް އެއްވެސް ކަމެއް އަދި އެނގޭކަށް ބޭނުމެއް ނޫން... ރީންގެ ބައްޕައާއި އަދި އަހަރެންގެ ބައްޕަ ވެސް އެކަން ސިއްރު ކުރާނީ މަޤްސަދެއް އޮވެގެން ދޯ" އިޔާންބުނެލި އެވެ. އޭނާ އައިރީންއާ ބެހޭ ގޮތުން ހުރިހާ ވާހަކައެއް ކިޔައިދިން އިރު ވެސް އެ ވީޑިއޯގެ ވާހަކައެއް ނުބުނެ އެވެ. އެއީ އިޔާން ފަހަރެއްގައި ވެސް އައިރީންއަށް އެނގެން ބޭނުންވާ ވާހަކައެއް ނޫނެވެ. އެވާހަކަ އެނގުމަށް ފަހު އައިރީންއަށް ވާނީ ކިހިނެތްކަން ލަފާކޮށްލަން ވެސް އޭނާއަށް ދައްޗެވެ.

"އޯކޭ... އެކަމަކު... " ޒަލަފް އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އޭނާއަށް މަޑުޖެހެވުނެވެ.

"ކީކޭ ޒެލް... ބުނެބަލަ" އިޔާން އެދުނެވެ.

"ދޮންބޭ... އަހަރެންވެސް އެބަޖެހޭ ދޮންބެއާ ވާހަކައެއް ދައްކަން... އަހަންނަކަށް ނުކެރޭނެ ފޯނުން ދައްކާކަށް... ދައްކަން ކެރޭކަހަލަ ފޮޓޯތަކެއް ނޫން... އެކަމަކު" ޒަލަފް އަނެއްކާ ވެސް ހުއްޓާލި އެވެ.

"ބުނެބަލަ..." އިޔާން އަނެއްކާ ވެސް ބުނެލި އެވެ. ޒަލަފް ފުންނޭވާއެއް ލާފައި އިޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާގެ ފޯނަށް އަންނަ މެސެޖްތަކުގެ ވާހަކަ އެވެ. އެއާއެކު އިޔާންގެ އަތް މުށްކެވިގެން ދިޔަތަން ފެނުނެވެ. އޭނާއަށް ވެސް ހަޤީގަތް މި އެނގުނީ އެވެ. މިހުރިހާ ދުވަހު އޭނާއަށް ހުރެވުނީ ހާދަ ބޮޑު އޮޅުމެއްގެ ތެރޭގަ އެވެ. ދެބުމަ ގޮސްޖަހާލެވުމާ އެކު އަތުން ރެއިލިންގައި ޖަހާލެވުނެވެ.

"ދެން ރެއިލިންގައި ތަޅައިގެން އަތަށް ތަދުކުރަންވީ އެއްނޫން... ދޮންބެ ދައްތައަށް ނިދިފައި ކަންނޭގެ... ދޭބަލަ ބަލައިލަން" ޒަލަފް ބުނެލި އެވެ.

"އެކަމަކު އަހަރެން ކީކޭ ބުނާނީ..." އިޔާންއަށް އަހާލެވުނެވެ.

"ދޮންބެގެ އަތް މަތީގައި އޮތީ ހަޤީގަތް ކިޔައިދިނުން... ޒާނާ އާއި އެކަހަލަ ގުޅުމެއް ނެތޭ ބުންޏަސް ދޮންބެ ދައްތަ ދެން ގަބޫލެއް ނުކުރާނެ" ޒަލަފް ވެސް ވިސްނާލި އެވެ.

"އަހަރެން ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ބުނެފިއްޔާ ރީން ގަބޫލުކޮށްފާނެތަ؟" އިޔާން އަހާލި އެވެ. ޒަލަފް ދެކޮނޑު އުފުލާލި އެވެ.

"ދޮންބޭ... އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނެތް... ހަޤީގަތް ކިޔައިދީގެން ނޫނީ އެއްވެސް ކަމެއް ހައްލެއް ނުވާނެ..." ޒަލަފް އޭނާގެ ހިޔާލު ފާޅުކޮށްލި އެވެ. އިރުކޮޅަކު ވާހަކަ ދައްކައިލަން ހުރުމަށް ފަހު ޒަލަފް ދިޔުމާ އެކު އޭނާ ހިޔާލުތަކަކަށް ގެއްލުނެވެ.

***

އޮފީސް ނިންމާލާފައި އިޔާން ނުކުމެގެން ގޮސް ކާރަށް އަރަ އަރާ ހުއްޓާ ފަހަތުން މީހަކު ގޮވާލުމާއެކު އޭނާ ހުއްޓުނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޒާނާއެވެ. ޒާނާ ފާޑަކަށް ހެވިފައި ހުރެ އައިސް އިޔާންގާތުގައި މަޑުކޮށްލި އެވެ. އެއާއެކު އިޔާން ދެބުމަ އަރުވާލި އެވެ. ކީއްކުރަނިހޭ އަހާފަދައަކުންނެވެ.

"އަޅެ އަހަރެން ފެނުނީމަ މިހާރު އެއްވެސް ވަރަކަށް އަސަރެއް ނުކުރޭތަ؟" ޒާނާ ތުއިވެލި އެވެ.

"ކުރިން ދުވަހު ވެސް ފެނުނު އަނބިކަމަނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ދެމީހުން އައްޓަމަހެއްހެން ތަތްލަވައިގެން އުޅުނުތަން" ޒާނާ ބުނެލި އެވެ.

"އެއީ ޒާނާ އާ ބެހޭ ކަމެއް ނޫން... ދެން ދުވަހަކު ވެސް އަހަރެން ގައިގަ އައްޓަ މަހެއްހެން ތައްލައިގެން އުޅުމުގެ ފުރުސަތެއް ތި ޒާނާ އަކަށް ނުދޭނަން... އެހެންނޫނަސް އަހަންނާ އަހަރެންގެ އަނބިމީހާ ކޮންމެ ގޮތަކަށް އުޅުނަސް ޒާނާއަށް ކޮންކަމެއްތަ؟" އިޔާން ރުޅިއައިސްގެން ބުނެލި އެވެ.

"އޯހް ހޯ... ހާދަ ރުޅިއެއް... އަހަރެން ދައްކަން އައި ވާހަކަ ނުދައްކަނީސް މާ އަވަހަށް ރުޅިއައިމާ ކިހިނެތްވާނީ... އެހަށް ތި ޕްރެޝަރު ކޮންމެވެސް ވަރަކަށް މަތަކޮށްލަބަލަ ދޯ... އޭރުންނެއްނު މި ބުނަން އުޅޭ އެއްޗެއް ސިކުނޑިއަށް ނަގައިގަނެވޭނީ ދޯ" ޒާނާ ހީގަތެވެ.

"އަހަރެން ކުރިމައްޗަށް އަރާ ކޮންމެ ވައްތަރެއް ތި ޒާނާ މިއަދު ޖެއްސިޔަސް އަހަރެންގެ ފަރާތުން އެއްވެސް ލޯތްބެއް ދެން ތި ޒާނާއަކަށް ނުލިބޭނެ" އިޔާން ބުނެލިއެވެ. އޭނާ ދެބުމަ ގޮށްޖަހާލިއެވެ.

"ތިއަށް ވުރެ ބޮޑަށް އަދި ދެބުމަ ގޮށްޖާހާލަބަލަ... އަހަރެން ހިތަށް އަރާ ތިވަރުން ދަންޏާ އިޔާން ވެސް ގޮވާފާނޭ... ހޫނުވެގެން ގޮސް"

ޒާނާ އަނެއްކާވެސް ހީގަތެވެ. އިޔާން ކާރަށް އަރަން ދޮރުފަތް ހުޅުވާލީ ޒާނާ ދައްކާ ބޭކާރު ވާހަކަ އަޑުއަހަން ހުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެއާއެކު ދެން ޒާނާ ބުނެލި ވާހަކައިން އޭނާގެ ފައި ހުރިތަނުގައި ތަތްލިއެވެ. ހައިރާން ކަމާއެކު އޭނާ ޒާނާއަށް ބަލާލި އެވެ.

"ކިހިނެތް އެނގުނީ?" ދެވަނަ ފަހަރު އިޔާން ރުޅިވެރި މޫނު ދައްކާލަމުން ސުވާލުކުރުމާ އެކު ޒާނާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. ޒާނާއަށް އައިރީންގެ ހަޤީގަތް އެނގުނީ އެވެ. އެހެންނަމަވެސް ކިހިނެތްހެއްޔެވެ؟

"އަހަރެން ހަޤީގަތް ހޯދި ގޮތާ ކާކުގެ ފަރާތުންކަން ކޮންމެވެސް އިޔާންއަށް އެނގުން މުހިންމެއް ނޫނެއްނު... މީހަކު ކައިރީ އަދި އައިރީންއަށް އެނގެޔޭ ކިޔާ ހަޤީގަތް އޮޅުވާލިނަމަވެސް އަހަރެން ކަހަލަ ސްމާރޓް ސިކުނޑިއެއްގެ ވެރިއަކަށް އޮޅުވައެއް ނުލެވޭނެ އިޔާން! އިޔާންއަށް ނޭނގުނަސް އަހަރެންމީ ވަރަށް ސްމާރޓް މީހެއް... ސިކުނޑިން" ޒާނާ އޭނާގެ ބޮލުގައި އަތް ޖައްސާލާ އެއް މިޔަކަނުން ހީލި އެވެ. މުށްކަވާލި އަތް ޖީބަށް ޖަހާލަމުން ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ އިޔާން ބެލި އެވެ. ޒާނާ އޭރުވެސް ހުރީ ނުލަފާ ވައްތަރަކަށް ހީލަ ހީލަ އެވެ. ހީވަނީ އިޔާން ރުޅި އަރުވާލެވުމުން އޭނާއަށް އުފަލެއް ލިބެނީ ހެންނެވެ.

"ޝަޓް އަޕް!... ޖަސްޓް! ޝަޓް އަޕް!" ޒާނާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިޔާން ބުނެލި އެވެ. އެއާއެކު ޒާނާ އިޔާންގެ އިނގިލީގައި ހިފާ އެއްފަރާތަކަށް ޖައްސާލަމުން އަނގައަށް ގޮތެއް ހަދާލާ އަޑެއް ލައްވާލި އެވެ. ހީވަނީ އިޔާންއަށް ވުރެ އޭނާ މޮޅުވެގެން އެކަމާ އުފާ ފާޅުކުރަނީ ހެން ނެވެ.

"އިޔާންއަށް އޮތީ އެންމެ ގޮތެއް... އަހަރެން އިޔާންއާ އެކު ތި ގެއަށް ގެންދިއުން... އަދި އަހަރެންނާ އިޔާން އާ ގުޅުމެއް އޮތް ކަން އިޔާންގެ ވައިފް ކަމަނާ އަށް ދެއްކުން" ޒާނާ ހިނިގަނޑެއް ޖަހާލި އެވެ.

"ލަދެއް ނުގަނޭތަ ޒާނާ" އިޔާންއަށް ހަޅޭއްލަވައިގަނެވުނެވެ.

"އިޔާން ލަވް! އަދި ހަޅޭއްލަވައި ގަންނާކަށް ނުވެއެއްނު ލޯބީ! އަދި މި ފެށުނީއޭ... މީހުން ގަނޑު މިތަނަށް އެއްވީމަ ދެން ކިހިނެތް ވާނީ... މާ އަވަހަށް ހުރިހާ ހަޤީގަތެއް ފެތުރޭނެއެއްނު... އޭރުން މީޑިއާ ތަކަށާއި މުޅި އޮފީސް ތެރޭ އެންމެން ވެސް ދައްކާނީ އެވާހަކަ... އަނެއްކޮޅުން އަނބިކަމަނާއަށް ވާނީ ކިހިނެތްތަ؟ ހިތް ދަތިވެގެން މަރުވެދާނެ ދޯ" ޒާނާ އިޔާންގެ ޓައީގައި ހިފަމުން އިޔާން އާ ގާތްވާން މަސައްކަތް ކުރިއެވެ. ވަމުންދާ ގޮތް އެއްވަރަކަށް ވެސް އިޔާން އަކަށް ނޭނގެ އެވެ. އޭނާ ޒާނާ ކޮށްޕާލި އެވެ.

"ހަބަރުދާރު!" އިޔާން ބާރަށް ބުނެލި އެވެ.

"އިޔާން... ވިސްނާލަން އަހަރެން ދޭނަން ކުޑަ ވަގުތު ކޮޅެއް... އަހަރެން ބުނާ ގޮތް ނަހަދައިފިއްޔާ އަހަރެން ހުރިހާ ހަޤީގަތެއް އައިރީންއަށް ކިޔައިދޭނަން... އޭރުން އިޔާން އަހަރެން ކުށްވެރި ނުކުރާތި" ޒާނާ ހީގަތުމަށް ފަހު ހިނގައިގަތެވެ.

"އަހަރެންގެ ނަންބަރު ވެސް އެނގެއެއްނު... މެސެޖް ކޮށްލާ! އިޔާންގެ ނިންމުން އަންނަ ގޮތަކުން އަހަންނަށް ކަންތައް ކުރަން އެނގޭނީ" ޒާނާ ދަމުން ފަހަތް ބަލާލާފައި ބުނެލި އެވެ. އެއާއެކު އިޔާން އައި ރުޅިން ކާރުގެ ދޮރުފަތުގައި ޖެހި އެވެ. ހަމަ ހަމަ ހަޤީގަތުގައި ވެސް އޭނާއަށް ހަދާނެ ގޮތް ހުސްވެއްޖެ އެވެ.

*****

ހިޔާލުތަކުން ނުކުތް އިޔާން އައިރީންގެ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހާލި އެވެ. މިފަހަރު އައިރީން ދޮރު ހުޅުވާލި އެވެ. އިޔާން އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އައިރީން އަރި އަޅާލައިފި އެވެ.

"ރީން" ހުޝިއާރުކަމާ އެކު އިޔާން އައިރީން އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލި އެވެ. އެއަށް ފަހު އޭނާގެ ކޮޓަރިއަށް ގެންގޮސް އައިރީން ސޯފާގައި ބޭއްވި އެވެ. ދެން ފެންތައްޓަށް ފެން ފޮދެއް ޖަގުން އެޅުމަށް ފަހު އެ ހިފައިގެން އައިސް ދެކަކޫ ޖަހާލައިގެން އައިރީން ގާތުގައި އިށީނެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

"ބައްޕާ! ބައްޕާ! އިޔާން ވަރަށް ގޯސް... އަހަރެން ވެސް ބައްޕައާ އެކު ގެންދިޔަނަމަ... ބައްޕާ" އައިރީން ދެފަރާތަށް ބޯ ހޫރާލަމުން ދެފަހަރަކު ކިޔާލި އެވެ. އިޔާން ފެންތަށި ބެހެއްޓުމަށް ފަހު އައިރީންގެ އިސްތަށިގަނޑުގައި އަތް ހިންގާލި އެވެ. މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް ދުރުކޮށްލާ އޭނާ އައިރީންއަށް ފުންނަޒަރެއް ދިނެވެ. އިރުކޮޅަކުން އައިރީންގެ އަޑެއް ނީވުމުން އޭނާ އައިރީން އުފުއލާލައިގެން ގެންގޮސް އެނދުގައި ބޭއްވުމަށް ފަހު ރަޖާ އަލާލަދިނެވެ. އެއަށް ފަހު އެތާ ތިރީ ޓައިލްސްތަކު މަތީގައި އިށީނދެ އައިރީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އައިރީންގެ މައުސޫމް ކަން އޭނާގެ ހިތް ފަތަހަކޮށްފި އެވެ. އެހެންނަމަވެސް މިއަދު އެ ދެމެދަށް އައިސްފައި މިވަނީ ކޮންފަދަ ތޫފާނެއް ހެއްޔެވެ؟ އިޔާން އަށް ނިދުނީވެސް އެހެން އިންދަ އެވެ. އައިރީން އޭނާގެ އެސްފިޔަތައް ދުރުކޮށްލާފައި ތެދުވަން މަސައްކަތް ކޮށްލި އެވެ. ބޮލަށް ހުރީ ބަރުވެފަ އެވެ. އިރުކޮޅަކަށް އޭނާ ލޯ މަރާލައިގެން އޮވެލުމަށް ފަހު ތެދުވަން އަނެއްކާވެސް އުޅުނެވެ. އެވަގުތު އޭނާއަށް ގާތުގައި އިން އިޔާން އަޅައިގަތެވެ. އަދި އެ އަތުގެތެރޭގައި އިތް އޭނާގެ އަތްވެސް މެއެވެ. އެއަށްވުރެވެސް ބޮޑަށް އޭނާ ހައިރާންވީ އިޔާންގެ ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ގޮސްފައިވާ ކަރުނައެވެ. އިޔާންގެ އަތް ފޮޅުވާލަން އުޅުނު ނަމަވެސް އެ ކަރުނަތައް ފެނި އޭނާއަށް ހުއްޓުމެއް ވެރިވެއްޖެއެވެ. އޭނާ އަބަދުވެސް އަޑު އަހަނީ ފިރިހެނުން ނުރޯނެޔޭ ބުނާ އަޑެވެ. އެހެންނަމަވެސް މިއަދު ފުރަތަމަ ފަހަރަށް އޭނާ އަށް އެއީ ދޮގެއްކަން އިޙްސާސްވެއްޖެ އެވެ. ލިބުނު ހައިރާންކަމުން އޭނާ އިޔާންގެ ކޯތާފަތާ ދިމާލަށް އަތް ގެންދިޔައީ އިޔާންގެ ލޮލުން ފައިބައިފައިވާ ކަރުނަތައް ތިރިއަށް ރޮނގު ދެމިގެން ގޮސްފައިވާ ރޮނގުގައި އަތް ޖައްސާލުމުގެ ބޭނުމުގަ އެވެ. (ނުނިމޭ)

comment ކޮމެންޓް