މާދަމާ ބާއްވަން އޮތް އަންހެން ސިފައިންގެ ދުވުން ކެންސަލްކޮށްފި

އޭޕްރީލް 24، 2019: ސިފައިންގެ 127ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ޚާއްޞަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވަން އޮތް އަންހެން ސިފައިންގެ ދުވުން ކެންސަލްކޮށްފިއެވެ.

މާދަމާއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.

ސިފައިންގެ ދުވުން ބާއްވަން ނިންމާފައިއޮތީ މާދަމާ ހެނދުނު ހައެއް ޖަހާއިރު މާލޭ ރިންގްރޯޑުގައެވެ.

ދުވުން ކެންސަލް ކުރީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކަަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ޗައިނާގެ ވުހާންއިން ފެތުރެން ފެށި އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ޖެހުނުއިރު 3،000 އަސް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 ނުވަނަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު މިނިސްޓަރީން މިރޭ ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އެ ރިސޯޓު މިހާރު ވަނީ ލޮކްޑައުންވެސްކޮށްފައެވެ. އޭގެ އިތުރުން ސަމާ އައިލެންޑް މޯލްޑިވްސްއިން ވެސް ހަތަރު މީހަކު ބައްޔަށް ޝައްކުވާތީ މިހާރު ދަނީ ޓެސްޓްކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މި ދުވަސްވަރު ބާއްވަން ނިންމާފައި އޮތް ބައެއް އިވެންޓްތައް ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި ސްކައުޓް ޖަމްބަރީއާއި އިންޓަނޭޝަނަލް މެރެތަން ހިމެނެއެވެ. މިދުވަސްވަރު އިވެންޓްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލި ނުޖެހުމަށްޓަކައި އެންމެ ބޮޑަށް ކުރެެވެން އޮތް ކަމަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން ކަމަށެވެ. އަދި ރޯގާއެއް ޖެހިއްޖެ ނަމަ، އާންމުގެ ތެރެއަށް ނުކުމެ ނޫޅުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްވެސްކޮށްފައެވެ.

comment ކޮމެންޓް