ކޮވިޑް-19 އިން ސަލާމަތްވުން އެންމެ އިސްކަންދޭ ކަންތައްކަމުގައި ހަދަން ޖެހޭ: ޑަބްލިޔޫއެޗްއޯ

ޖެނީވާ (7 މާޗް 2020) : ކޮވިޑް-19 ގެ ނުރައްކަލާމެދު އިހުމާލު ނުވުމަށާއި އެއިން ސަލާމަތްވުމުގެ މަސައްކަތަކީ ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަންދޭ މަސައްކަތުގެ ގޮތުގައި ހެދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރޭޔެސެސް ގޮވާލައްވައިފި އެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެބްރޭޔެސެސް ވިދާޅުވީ ކޮވިޑް- 19 ޖެހުނު މީހުންގެ ޢަދަދު އެއްލައްކައަށް ވުރެ މަތީގައިވާއިރު އެވައިރަސް ދުނިޔޭގައި ފެތުރޭމިންވަރު އާދަޔާ ޚިލާފަށް އަވަސްވެފައިވުމަކީ ކަންބޮޑުވާ ކަމެއްކަމުގަ އެވެ. ނަމަވެސް ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާ ކުރި ބުރަ މަސައްކަތަށް ލިބުނު އަވަސް ކާމިޔާބީއަކީ އެހެން ގައުމުތަކަށް ވެސް އެރޯގާ ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދު ބޮޑުވެގެންދާކަމެއް ކަމަށް ގެބްރޭޔެސެސް ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން 90 ގައުމަކަށް ކޮވިޑް-19 ވައިރަސް ފެތުރިފައިވާ އިރު އެ ވައިރަސް އެންމެ ކުރިންފެނުނު ޗައިނާއިން މިހާރުވަނީ އެވައިރަސް ކޮންޓްރޯލް ކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ޗައިނާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ 99 މީހުންނެވެ. އެ ރޯގާ ފެނުނު ދުވަސްވަރު ޗައިނާއިން ދުވާލެއްގެ މައްޗަށް 400 އާއި 500 އާ ދެމެދުގެ މީހުން އެރޯގާއަށް ޕޮޒިޓިވް ވެފައިވާއިރު މިއީ ކުރިއާއި އަޅާބަލާއިރު ވަރަށް ދަށް ނިސްބަތެކެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ޗައިނާގައި ފަރުވަ ދެނީ

ކޮވިޑް-19 ޖެހުމުގެ ސަބަބުން ޗައިނާގައި ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ މަރުވެފައިވާއިރު އެރޯގާ ޖެހުމުގެ ސަބަބުން ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި މަރުވެފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 30 ވަރަކަށް މީހުންނެވެ. ޗައިނާގައި މިހާތަނަށް ކޮވިޑް -19 އަށް 80 ހާހަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވިނަމަވެސް އެ ރޯގާގައި މަރުވެފައި ވަނީ ގާތްގަނޑަކަށް 3000 މީހުންނެވެ. މިއީ އެރޯގާ ޖެހުނު މީހުންނަށް ބަލާއިރު ދެ އިންސައްތައާއި ތިން އިންސައްތައިގެ އަދަދެކެވެ. މީގެއިތުރުން އެ ރޯގާ ޖެހުނު މީހުންގެ ތެރެއިން 57 ހާހަށްވުރެ ގިނަ މީހުންގެ ހަށިގަނޑުން އެ ވައިރަސް ނައްތާލެވި ޝިފާލިބިފައިވެ އެވެ.

ޗައިނާގައި ކޮވިޑް -19 ގެ ހާލަތްތައް ވަރަށް މަދުން ނޫނީ މިހާރު ފެންނަނީ ހަމައެކަނި ހުބެއި ޕްރޮވިންސުނެވެ. އެއީ ކޮވިޑް -19 ވައިރަސް ފުރަތަމަ ފެނުނު ޕްރޮވިންސެވެ. ކޮވިޑް -19 ރޯގާ ފެތުރުނު ޗައިނާގެ އެހެން ސަރަހައްދުތަކުން އެރޯގާ އަށް މިހާރު ޕޮޒިޓިވް ވަނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދިހަވަރަކަށް މީހުންނެވެ. އެހެންކަމުން ޗައިނާގައި މިހާރުވަނީ ކޮވިޑް -19 ރޯގާ ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިކަމަށް ޑަބްލިޔޫއެޗްއޯ އިންވެސް ބުނެއެވެ.

މިހާތަނަށް ދުނިޔޭގެ 90 ގައުމަކުން އެއްލައްކަ ތިންސަތޭކަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު ޑަބްލިޔޫއެޗްއޯ ވަނީ އެ ވައިރަސްގެ ސަބަބުން އިޢުލާނުކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ލެވެލް ކުރިޔަށްވުރެ ވެސް މަތިކޮށްފަ އެވެ. އަދި ޑަބްލިޔޫއެޗްއޯގެ ޕްރޮގްރާމް އެގްޒެކެޓިވް ޑރ. މައިކަލް ޖޭ ރިޔާން ވަނީ ކޮވިޑް- 19 ފެތުރުން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގެ ޢަމަލީ ޕްލޭނެއް އެކަށައަޅައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެއަށް އަމަލުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ.

ސިއްޙީ ވަސީލަތްތައް މަދު ފަގީރު ގައުމުތަކުގައި ކޮވިޑް- 19 ފެތުރިއްޖެނަމަ ނަތީޖާ ވަރަށް ގޯސްވެދާނެކަމުގެ އިންޒާރު ޑަބްލިޔޫއެޗްއޯ އިންވަނީ ދީފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް