ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ މައި ލޭހޮޅި ބަދަލުކޮށްފި

އޭޑީކޭއިން ކުރިއަށް ގެންދިޔަ ފުރަތަމަ ހިތުގެ މައި ލޭހޮޅި ބަދަލުކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ ---- ސަން ފޮޓޯ : އަހުމަދު ސައީދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ މައި ލޭ ހޮޅި ނުވަތަ އެސެންޑިން އެއޯޓާ އެންޑް އެއޯޓިކް އާޗް ބަދަލުކުރުމުގެ ސާޖަރީއެއް އޭޑީކޭ އިން ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އޭޑީކޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ މީގެ ދޮޅު އަހަރު ކުރީން ކަމަށެވެ. އެގޮތުން މިހާރު ހިތުގެ ވަރަށް ގިނަ ސާޖަރީތައް ކުރަން ފަށާފައިވާ ކަމަށް އައްފާލު ވިދާޅުވި އެވެ.

އެ ހުރިހާ މަސައްކަތުގެ ތެރެއަށް އަލަށް އިތުރުކޮށްލެވޭ ބޮޅަކީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ކޮށްފައިވާ ހިތުގެ މައި ލޭ ހޮޅި ބަދަލުކުރުމުގެ އޮޕަރޭޝަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭޑީކޭ އިން މިދިޔަ ޖެނުއަރީ މަހުގައި ސާޖަރީއެއް ކޮށްފައި ވަނީ 70 އަހަރުގެ އަންހެނެކެވެ.

އައްފާލް ވިދާޅުވީ ޖެނުއަރީގައި އޮޕަރޭޝަން ކުރި ނަމަވެސް އެ ވާހަކަ އާންމުކޮށްފައި ނުވަނީ އެމީހާގެ ބަލި ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅުވެ ރިކަވާ ވުމުން އެކަން އިއުލާނުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތުގެ މައި ލޭހޮޅިއަށް ދިމާވި މައްސަލައަކާ ގުޅިގެން ހަށިގަނޑުގައި ލޭ ދައުރުކުރުމަށް ހުރަސް އެޅި ބަލިމީހާ އަޅުގަނޑުމެންނާ ހަމައަށް އައީ. އަޅުގަނޑުމެން އޮޕަރޭޝަންގައި ކުރާ ކަމަކީ މައި ނާރުގައި އެއްބައި ނަގާފައި އޭގެ ބަދަލުގައި މަސްނުވީ ބައެއް ލައިގެން ލޭ ދައުރުވާ ގޮތް ހެދީ،" އައްފާލް ވިދާޅުވި އެވެ.

މައި ލޭ ހޮޅި ނުވަތަ އެސެންޑިން އެއޯޓާ އެންޑް އެއޯޓިކް އާޗް ބަދަލުކުރުމާ ގުޅޭގޮތުން ޑރ. މުހައްމަދު ޝާފިއު މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ : އަހުމަދު ސައީދު

އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވި އެއް ޑޮކްޓަރަކީ މަޝްހޫރު ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަން ޑރ. މުހައްމަދު ޝާފިއު އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ ބަލި މީހާއަށް އެނިއުރިޒަމްއެއް ޖެހި ހިތުގެ މައި ލޭހޮޅި ހުރީ ވަރަށް ބޮޑަށް ދުޅަވެފައި ކަމަށެވެ. އެގޮތުން އާންމުކޮށް ތިން ސެންޓިމީޓަރު ހުންނަން ޖެހޭ ލޭހޮޅި ހުރީ ނުވަ ސެންޓިމީޓަރަށް ވުރެ ބޮޑަށް ދުޅަވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ ބަލި މީހާގެ ލޭހޮޅި ބަދަލުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޮލިއެސްޓާ މެޓީރިއަލްގެ ހޮޅިއަކަށެވެ. އެ ހޮޅި ފަރުމާކޮށްފައި ވަނީ އޭގެން ކޮންމެވެސް ވަރަކަށް ލީކުވާގޮތަށެވެ.

އޭނާ ވިދާޅުވީ އެ ހޮޅިއަކީ ސީދާ ބަލި މީހާއަށް ހާއްސަކޮށްގެން ބޭރުން ގެނެސްފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން ހިތުގެ ލޭހޮޅި ބެދުމަކީ ވަރަށް މަދުން ވާ ކަމަކަށްވުމުން އެފަދަ ތަކެތި ރައްކާކޮށްފައި ނުބަހައްޓާ ކަމަށް ޝާފިއު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް