ތިނަދޫއިން އެކަހެރި ކުރި މީހާ ކޮވިޑް19 އަށް ނެގެޓިވް، ރަށް ހުޅުވާލައިފި

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ފަތުރުވެރިޔާ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ތިނަދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި، އިޓަލީ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އޭނާ ފަރުކޮޅުފުށީގައި އެކަހެރިކުރީ އިއްޔެއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާ ވައިރަހަށް ނެގެޓިވްވި ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރާނެ ކަމަށެވެ.

ފަތުރުވެރިޔާގެ ގައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެސްޓުގެ ނަތީޖާ ލިބެންދެން، އެޗްޕީއޭގެ ހުއްދަ ނެތި އެ ރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައެވެ.

ނަމަވެސް ފަތުރުވެރިޔާގެ ޓެސްޓުތަކުން ވައިރަހަށް ނެގެޓިވް ކަމަށް ދައްކާތީ އާއި އެރަށުގެ "ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ތިނަދޫ އަށް އަރައި ފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައި ނަމަވެސް، ޅ. ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓަށް އެޗްޕީއޭގެ ހުއްދަނެތި އަރައި ފޭބުން އޮތީ މަނާކޮށްފައެވެ.

ކުރެއްދޫ ލޮކްޑައުން ކޮށްފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަތުރުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ފަތުރުވެރިޔާ މައުލޫމާތު ދީފައިވާތީ އާއި އަދި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ.

ސަމާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފްރާންސްގެ ދެ ފަތުރުވެރިޔަކާއި އެ ދެމީހުންނަށް ރިސޯޓުގައި ފަރުވާދިން އިންޑިއާގެ ޑޮކްޓަރަކު ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައިވާ ކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.

އަދި އެ ރިސޯޓުގެ ތިން މުވައްޒަފަކު ވެސް ކެއްސާތީ، އެމީހުންގެ ކޮޓަރީގައި ކަރަންޓީން ކޮށްފައިވާ ކަމަށް ރިސޯޓުން ބުނެއެވެ.

comment ކޮމެންޓް