ޓޫރިޒަމަށް އިންވެސްޓުކުރަން ފަސޭހައިން ލޯނު ލިބޭނެގޮތް ހެދުމަށް ގޮވާލައި ގަރާރެއް

އަބްދުﷲ ޖާބިރު --- ފޮޓޯ/ މަޖިލިސް

ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށް ރާއްޖޭގެ ބޭންކް ތަކުން ފަސޭހައިން ލޯނު ލިބޭނެ ގޮތް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ވިދާޅުވެފައި ވަނީ އެންމެ ގިނަ ވަޒީފާގެ ފުރުސަތުތަކާއި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ވީނަމަވެސް، އެ ސިނާއަތު ކުރިއަށް ގެންދިއުމަށް ބޭނުންވާ ދިވެހިންނަށް ލޯނު ދިނުމަށް ބޭންކުތަކުން ޖެހިލުން ވާކަމަށެވެ.

ބޭންކު ތަކުން ލޯނު ލިބިގެން ނޫނީ އިންވެސްޓަރުންނަށް އެއްވެސް ސިނާއަތެއް ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވެފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

ޖާބިރު ވިދާޅުވީ ލޯނު ދިނުމަށް ބޭންކުތަކަށް އެޅިފައިވާ ހުރަސްތަކަކީ، ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ފައިސާ ނުދައްކައިގެން ކޯޓު މެދުވެރިކޮށް ފައިސާ ހޯދަންޖެހޭ ހާލަތްތަކުގައި، ކޯޓުތަކުން އެފަދަ މައްސަލަތައް ނިންމުން ލަސްވުމުގެ ސަބަބުން ބޭންކްތަކަށް ބޮޑެތި ގެއްލުންތައް ލިބުން ކަމަށެވެ.

ހަމައެއާއެކު ބޭންކުގައި އޮންނަ ރަހުނު، ލޯނު އެއްބަސްވުމުގެ ގޮތުން ވިއްކާލެވޭ ހިނދު، ގަންނަ ފަރާތުގެ ނަމަށް އެ އެއްޗެއްގެ މިލްކުވެރިކަން ބަދަލުކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޖާބިރު ވިދާޅުވެފައި ވަނީ އެ ދަތިތައް ފިލައިގެން ނޫނީ ބޭންކުތަކުގެ ވިޔަފާރިތަކާއި އިންވެސްޓަރުންގެ ވިޔަފާރިތައް ވެސް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

އެހެންކަމުން ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ފައިސާ ނުދައްކައިގެން ކޯޓު މެދުވެރިކޮށް ފައިސާ ހޯދަންޖެހޭ ހާލަތްތަކުގައި، ޖުޑީޝަރީންނާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ނިންމަންޖެހޭ ކަންތައްތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ނިންމޭނެ ގޮތުގެ މަތިން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

ބޭންކުގައި ރަހުނުކޮށް ނަގާފައިވާ ލޯނުތަކާ ގުޅިގެން ބޭނުންކުރާ ރަހުނު ވިއްކާލާއިރު، އެ ރަހުނު ގަންނަ ފަރާތުގެ ނަމަށް އެ އެއްޗެއްގެ ބަދަލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުރި ދަތިތައް ހައްލު ކުރުމަށް ވެސް ގަރާރުގައި ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެއާއެކު ރާއްޖޭގައި އިންވެސްޓްކުރާ ދިވެހިންނަށް ރާއްޖޭގެ ބޭންކު ތަކުން ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެންމެހާ ކަންތައްތައް މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އެ ގަރާރުގައި އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް