ޣައްޒާގެ އަލިފާނުގައި ޙާދިސާގައި ފަލަސްތީނުގެ 10 މީހުން މަރުވެ، 60 މީހުން ފިހިއްޖެ

ޣައްޒާގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާ

ޣައްޒާ (7 މާޗް 2020) : ޣައްޒާގައި އިއްޔެ ހިނގި އަލިފާނުގައި ޙާދިސާގައި ފަލަސްތީނުގެ 10 މީހުން މަރުވެ 60 މީހުން ފިހިއްޖެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ ވެރިކަމެއް އޮންނަ ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އެ ޙާދިސާގައި މަރުވި ދިހަ މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ ކަމަށާއި އަދި ފިހުނު 60 މީހުންގެ ތެރެއިން ސާދަ މީހުން ފިހިފައި ވަނީ އެމީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށްކަމުގަ އެވެ.

އަލިފާނުގެ ޙާދިޘާ ހިނގީ ޣާއްޒާގެ މެދުތެރޭހައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ އަވަށެއް ކަމަށްވާ ނުޞައިރާތު އަވަށުގެ ބާޒާރުގައިވާ ބޭކަރީ އެއްގައި ކަމަށާއި އެ ޙާދިޘާ ހިނގަން މެދުވެރިވީ އެ ބޭކަރީން ކައްކާ ގޭސް ލީކުވުމާ އެކު ކައިރީގައިހުރި ބޭކަރީތަކުގައި ހުރި ގިނަ ގޭސް ފުޅިތަކެއް ގޮވުމުން ކަމަށް ޣައްޒާ ދާޚިލީ ވުޒާރާއިން ބުނެ އެވެ. އެއަށް ފަހު އަލިފާންގަނޑު ފެތުރިގެންދިޔައީ އެތަނުގެ ވަށައިގެންވާ ފިހާރަތަކާއި ކާރުޚާނާތަކާއި މަގުތަކުގައި ޕާކުކޮށްފައިވާ ކާރުތަކުގައި އަލިފާންރޯވުމުގެ ސަބަބުން ކަމަށް ވެސް ދާޚިލީ ވުޒާރާއިން ބުނެއެވެ.

މިއީ ގޭސް ލީކުވެގެން ފަހުގެ ތާރީޚެއްގައި އަލިފާނުގެ މިފަދަ ބޮޑު ޙާދިސާއެއް ޣައްޒާއަށް ކުރިމަތިވި ފުރަތަމަ ފަހަރެވެ. ނުސައިރާތު ރެފިއުޖީ ކޭންޕްގެ ބޭކަރީން ދުމާއެކު އަލިފާން އެރުމުގެ ކުރިން އެތަނުން ވަރަށް ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް މަންޒަރުދުށްމީހުން ބުނެފައިވެ އެވެ. މި ހާދިސާގައި މަރުވި 10 މީހުންގެ ޖަނާޒާ މިއަދުވަނީ ބާއްވާފަ އެވެ. މި ޖަނާޒާގައި އެތައް ހާސްބަޔަކު ބައިވެރިވި އިރު އެ އެންމެންގެ މޫނުމަތިން ހިތާމައާއި ހިތްދަތިކަމާއި މާޔޫސްކަން ވަރަށް ބޮޑަށް ފެނިފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.

ޣައްޒާގެ އަލިފާނާ ބެހޭ އިދާރާއިން އަލިފާންގަނޑު ނިއްވަން ކުރި މަސައްކަތުގައި ޢާންމުންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުގެ ސަރުކާރުން ވަނީ މި ޙާދިޘާގައި މަރުވި މީހުންނާއި ފިހުނު މީހުންގެ ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.

ޣައްޒާއަކީ 2005 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމާއި ހިސާރުގެ ދަށުގައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ. އިސްރާއީލުން ޣައްޒާއަށް އުދުވާނީ ޙަމަލާތައް ދީ ޣައްޒާ ހިސާރުކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީ އެވެ. އިސްރާއީލުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކޮށް ޣައްޒާގެ އާންމުންނާއި މުޖާހިދުންގެ އެތަށް ހާސްބަޔަކު ޝަހީދުކޮށް ޣައްޒާގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗާ ހަލާކުކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް