އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ފައިދާ ފެންނާނެ: ރައީސް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ކުރިއަށް ގެންދާ ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގައި އަންހެނުންނަށް ހާއްސަކޮށް ގޮނޑިތަކެއް ކަނޑައެޅުމުގެ ފައިދާ ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން، ރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލަށް ތައުރީފުކުރައްވައިފަ އެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ އަންހެނުންނަނަށް ކައުންސިލު އިންތިހާބުގެ ގޮނޑި ރިޒާވްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އެންމެ މުހިއްމު އެއް ބަދަލު ކަމަށް ވެސް ރައީސް ސިފަކުރެއްވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ : އެމްޑީޕީ

ރައީސް ވިދާޅުވީ އަންހެނުންނަށް ގޮނޑިތައް ރިޒާވްކުރުމުގެ ސަބަބުން ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ސިޔާސީ ސަފުތަކުގައި އަންހެނުން އެންމެ ކުރީ ސަފުން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ވެސް ވަރަށް މުހިއްމު ކޮމިޓީތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވާކަން. މިފަދަ ކޮމިޓީތަކުގެ ދައުރު މުހިއްމު ވަނީ މި ސަބަބަށް ޓަކައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް