ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަ ފަންޑަކާއި ހިޔާތައް ގާއިމުކުރާނަން: ރައީސް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ : އެމްޑީޕީ

ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއް ގާއިމުކޮށް، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއް ގާއިމުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ވިލިމާލޭގައި ފެށި ހާއްސަ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާއަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެކަހެރި ކުރެވޭ މީހުންނަށް ހާއްސަ ހިޔާތައް ގާއިމުކުރުމުގެ މަސައްކަތް 2022 ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.

އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިމަޖެންސީ ފަންޑެއް އެކުލަވާލައްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ، އަމާޒެއް. އަޅުގަނޑު ދެކޭގޮތުގައި އަންހެނުންނަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ގައުމީ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީގެ ނާރެހަކީ ގެތައް ކަމަށްވާއިރު، އަންހެނުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ހޮޓްލައިނެއް ގާއިމުކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މުޖުތަމައާއި މުޅި ގައުމު ބިނާކުރުމުގައި އަންހެނުން އިސް ރޯލެއް އަދާކުރާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީއެއް ބިނާކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ ރާއްޖޭގެ "ފިސާރި" އަންހެނުންގެ ބުރަ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ ދަރިންނަށް ހާއްސަ ޑޭ ކެއާ ސެންޓަރުތަކާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރައީސް ވިދުޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޗައިލްޑް ކެއާ ސެންޓަރުތަކެއް ގާއިމުކުރައްވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އައްޑޫ އާއި މާލޭގައި އެފަދަ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެށި ކޮންފަރެންސް އަކީ އަންހެނުންނަށް ކުރިމަތިވާ ތަފާތު ދަތިތަކާއި ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޮންފަރެންސް އެކެވެ. އެގޮތުން އެ ކޮންފަރެންސްގައި މައިގަނޑު ފަސް ބަޔަކަށް އަލިއަޅުވާލާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެއީ ނޫ އިގުތިސޯދާއި އިންސާފާއި ޖަޒީރާ ރާއްޖެ އާއި އޯގާތެރި ސަރުކާރު އަދި ފަހުރުވެރި އާއިލާއެވެ.

އެ ކޮންފަރެންސްގެ އިތުރުން "ރަށްވެހި ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއްވެސް ވަނީ ފަށާފައެވެ. އެ ފެސްޓިވަލްގައި އެމްޑީޕީ ސަރުކާރުގެ އެޖެންޑާ 19ގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބިގެންދާނެއެވެ.

comment ކޮމެންޓް