ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި

އާ ކޮރޯނާވައިރަަަސް ޗައިނާގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހު -- ފޮޓޯ: އޭޕީ

ބެއިޖިން (މާޗް 7): މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.

ޗައިނާގެ އިތުރުން 90 ގައުމަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަހަށް މިހާތަނަށް 102،180 މީހުން ޕޮޒިޓިވްވެފައިވާ އިރު، އެ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލީގައި 3,497 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ބަލި ޖެހުނު 57,622 މީހެއްގެ ހާލު ރަނގަޅުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގައި މިހާތަނަށް 80,651 މީހުން ވައިރަހަށް ޕޮޒިޓިވްވެ، ކޮވިޑް-19 ޖެހިގެން 3,070 މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާއިން ބޭރުގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ދެކުނު ކޮރެއާގަ އެވެ. އެގައުމުގައި 6،700އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 44 މީހަކު ވަނީ މަރުވެފަ އެވެ. އަދި ކޮވިޑް-19 ޖެހިގެން ޗައިނާއިން ބޭރުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީ އާއި އީރާނުގަ އެވެ. އެގޮތުން އިޓަލީގައި 197 މީހުން މަރުވެ، އީރާނުގައި 124 މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް