ކޮވިޑް-19އަށް ޝައްކުވާތީ ކަރަންޓީނުކޮށްފައި މިހާރު ތިބީ ހަ މީހުން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް-19 ވައިރަސް ހުރި ކަމަށް ޝައްކުވާތީ މިހާރު ކަރަންޓީނުކޮށްފައި ތިބީ ހަ މީހުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީއާއި، ޓޫރިޒަމް މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ ޖުމްލަ ހަ މީހުން ކަމަށެވެ.

މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ:

  • ދިވެހި އަންހެނަކާ ކުޑަކުއްޖެއް ފަރުކޮޅު ފުށީގައި
  • އިޓަލީގެ ތިން މީހުން
  • ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު

މި މަހުުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވައިރަހަށް ހަދާފައި ވަނީ 17 ޓެސްޓު ކަމަށް ހެލްތު މިނިސްޓްރީއިން ބުންޏެވެ. އަދި މިހާތަނަށް ހަދައި ނަތީޖާ ލިބުނު ހުރިހާ ޓެސްޓެއް ނެގަޓިވްވެފައިވާ ކަމަށް ބުންޏެވެ.

އިއްޔެ މެންދުރު ވ. ތިނަދޫއިން ވައިރަހަށް ޝައްކު ކުރެވޭ އިޓަލީ މީހަކު ފެނިގެން އެ މީހާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނުކޮށްފަ އެވެ. އަދި ވ. ތިނަދޫއަށް ލަފާފުރުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުރެފައި އިޓަލީއަށް ދިޔަ އެގައުމުގެ ރައްޔިތަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހާ ރާއްޖޭގައި މަޑު ކުރީ ޅ. ކުރެއްދޫ ރިސޯޓުގަ އެވެ. އެ ރިސޯޓުގައި އޭނާ ބެލި ޑޮކްޓަރުގެ ފަރާތުން އަލާމާތްތައް ފެންނާތީ އޭނާވެސް ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި މިހާރު ކުރެއްދޫއިންވެސް ލަފާފުރުން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

comment ކޮމެންޓް