ތިނަދޫ އާއި ކުރެއްދޫ ރިސޯޓް ލޮކްޑައުންގައި

ވ. ތިނަދޫ --

ވ. ތިނަދޫގައި ހުރި ޓޫރިސްޓަކު ކޮވިޑް-19 އަށް ޝައްކުވާތީ، އަދި ޅ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވާތީ، އެ ރަށްތަކުން މީހުން އަރައިފޭބުން މަނާކޮށް ސްކްރީން ކުރަން ފަށައިފި އެވެ.

ތިނަދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި، އިޓަލީ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނިގެން އޭނާ ވަނީ އެކަހެރި ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި ރަށަށް ދިޔަ އިޓަލީ މީހަކު ބައްޔަށް ޕޮޒިޓިވް ވުމާއި އޭނާ ބެލި އެ ރިސޯޓްގެ ޑޮކްޓަރުގެ ކިބައިން އަލާމާތްތަކެއް ފެންނާނީ އެ ރިސޯޓް ވެސް ވަނީ މިހާރު ލޮކްޑައުންކޮށްފަ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ތިނަދޫ އިން ވެސް އަދި ކުރެއްދޫ ރިސޯޓުން ވެސް ބައްޔަށް ޕޮޒިޓިވް މީހެއް ނުފެންނަ ކަމަށާއި އެ ރަށްތަކަށް އަރައި ފޭބުން މަނާކޮށް ސްކްރީން ކުރަމުން ދަނީ ޝައްކުވާ މީހުންގެ ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަމީން ވިދާޅުވީ އެ ދެ ރަށް ލޮކްޑައުންކުރުމަށް ފަހު ކުރިއަށް ދަނީ، ޝައްކުވާ މީހުންނާ ބައްދަލުވެ ކޮންްޓެކްޓުވި މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ނަތީޖާ ލިބެންދެން އެރަށަށް މީހުން އަރައި ފޭބުން ވަގުތީގޮތިން މަނާކޮށްފައިވާ ކަމަށެވެ. ޓެސްޓުތަކުގެ ނަތީިޖާ ލިބޭނޭ މާދަމާ އެވެ.

އަދި އެއްވެސް ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަކީ ހަމަޖައްސާފައިވާ އުސޫލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕްރެސްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ދެ ރަށުގެ ސްޓޭޓަސް އެހެން އޮތް ނަމަވެސް، ޕެނިކް ވާން ޖެހޭ ހާލަތެއް އަދި ނާންނަ ކަމަށެވެ. ރިސޯޓަށް މީހުން އަރާ ފޭބުން މަނާކުރީ ނަތީޖާ ލިބެންދެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"މިއީ ވަގުތީ ޑިޒިޝަނެއް އަޅުގަނޑުމެން ދެން ނަގާނެ ފިޔަވަޅެއް އެނގޭނީ މާދަމާގެ ރިޒަލްޓަށް ފަހު،" އަލީ ވަހީދު ވިދާޅުވިއެވެ.

އެމީހާ ރާއްޖެއިން ފުރައިގެން ދިޔައީ އިއްޔެ ކަމަށްވެ އެވެ. އަދި އެމީހާ އެއާޕޯޓުން ފުރައިންގެ ދިޔައިރު އަލާމާތެއް ހުރިތޯ އާއި އޭނާއަށް ފުރައިގެން ދެވުނީ ކީއްވެތޯ ބަލަން ރައީސް އަންގަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަ އާބާދީއެއް އޮންނަ ތިނަދޫ އަކީ ފަތުރުވެރިކަމަށް ބަރޯސާވާ ރަށެކެވެ.

މިހާރު ފަރުކޮޅުފުށީގައި ހަ މީހަކު ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އެއީ ދިވެހި އަންހެނަކާ ކުޑަކުއްޖެއްގެ އިތުރުން އިޓަލީގެ ތިން މީހަކާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެވެ.

އިޓަލީވިލާތުގެ އުތުރުގައި ވަރަށް ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ އިރު، 3،858 މީހަކަށް އެ ބަލި ޖެހި 148 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. މާދަމާ ރޭގެ 11:55 އިން ފެށިގެން އިޓަލީއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް