Last Updated: 4 year 3 week ago

އިޓަލީން މީހުން ރާއްޖެ އައުން މަނާކޮށްފި! ތިނަދޫ، ކުރެއްދޫ ލޮކްޑައުންގައި

  • ހަ މީހަކު ކަރަންޓީނުކޮށްފައި
  • ކުރެއްދޫގެ ޑޮކްޓަރު ކަރަންޓީނުގައި
  • ޕެނިކްވާކަށް ނުވޭ، ރާއްޖެ އޮތީ ތައްޔާރަށް
ބުލޮގު ޚުލާސާ

ޅ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވާތީ، އެ ރިސޯޓް ލޮކްޑައުންކޮށް އަންނަނީ މޮނީޓާކުރަމުންނެވެ. އަދި އެ ޓޫރިސްޓަށް ފަރުވާދިން، އެ ރިސޯޓްގެ ޑޮކްޓަރުގެ ކިބައިން ކޮރޯނާގެ އަލާމާތްތައް ފެނިގެން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

މިކަންކަމާ ގުޅިގެން، ކޮވިޑް-19 ޓާސްކް ފޯސް ސެންޓަރުގެ ހާއްސަ ޕްރެސްއެއް މިރޭ 11:30 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރެސްގައި ރާއްޖޭގައި ކޮރޯނާގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދޭނެ އެވެ.

01:08

އެއްގަޑިއިރާ ބައި ވަންދެން، ދިގު ދެމިގެން ޕްރެސް ނިންމާލައިފި.

01:05

އަލީ ވަހީދު -- ދުވަހުން ދުވަހަށް ބުކިންސްގެ ރިކޯޑްތައް މި ދަނީ ހޯދަމުން. ރިސޯޓްތަކުން ބުކިންސްތައް ހޯދުުގައި އެބަ ދަތިވޭ. އެކަމަކު މިވަގުތު އެބަ ބޭނުންވޭ، ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަންނާނެ ކަންކަން ބެލުމަށް އެ މައުލޫމާތު. އެ ކަންކަން ސަރުކާރަށް ވީހާވެސް ބޮޑަށް ހިއްސާކުރުމަށް ގޮވާލަން.

00:58

މިނިސްޓަރު އަލީ ވަހީދު - ޗިލީ މީހާގެ ކޭސް ވަނީ މިހާރު ކުލޯސްކޮށްފައި. އެހެން ވީމާ، އެކަމުގައި މިވަގުތު ބަލާނެ ކަމެއް ނެތް.

00:56

މިނިސްޓަރު އަލީ ވަހީދު -- ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ މީހާ އެއާޕޯޓުން ފުރައިގެން ދިޔައިރު އަލާމާތެއް ހުރިތޯ އޭނާއަށް ފުރައިގެން ދެވުނީ ކީއްވެތޯ ބަލަން ރައީސް ވަނީ އަންގަވާފައި.

00:43

މިނިސްޓަރު އަލީ ވަހީދު -- 6-12 ގަޑިއިރު ނަގާނެ ޓެސްޓް ކުރަން. އައިޖީއެމްއެޗުން އިތުރު ޓެސްޓް ކިޓްތައް ދަނީ ހޯދަމުން.

00:38

މިިނިސްޓަރު އަލީ ވަހީދު -- ފިޔަވަޅުތައް ލަހެއް ނުވޭ. އިޓަލީގެ މައްސަލައިގައި ޑެޒިޝަން ނަގަން ޖެހޭ ލެވަލްއަކަށް ދިޔައިމާ އަޅުގަނޑުމެން މި ނެގީ. ތިނަދޫ، ކުރައްދޫ ވަނީ އެހެން ލެވަލްއެއްގައި. މުޅި ރާއްޖެ އޮންނާނީ ވައިޓް އެލާޓްގައި. އަޅުގަނޑުމެން ރާއްޖޭގައި ނެތް ވަރަކަށް ހާލަތު ބުނެދޭކަށް ނޫޅެން.

00:36

މިނިސްޓަރު އަމީން -- އަޅުގަނޑުމެން މި ބަލަނީ ސާވިއަލަންސް ވަރުގަދަ ކުރަން. އަޅުގަނޑުމެން މި ހަދަނީ ކޮންޓެކްޓް ޓްރޭސިން. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ މި ބަލި ދެނެގަންނަން.

00:25

މިނިސްޓަރު އަމީން -- ކޮރޯނާ ވައިރަސްގެ ކަންކަމުގައި އެންމެން ޒިންމާދާރު ވާންޖެހޭ. މިއީ ގައުމީ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ.

00:21

މިނިސްޓަރު އަމީން - ރާއްޖެއިން ފިޔަވަޅު މި އަޅަނީ، ޑަބްލިއުއެޗްއޯގެ އުސޫލުތަކާ އެއްގޮތަށް. ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދޭ، މިސާލަކަށް ވ. ތިނަދޫގައި. އޭނާ ޕޮޒިޓިވް ނުވިޔަސް އަޅުގަނޑުމެން މިދަނީ ކުރިއަށް ކޮންޓެކްޓް ޓްރޭޝިން ހެދުމުގެ. އަޅުގަނޑުމެން ކުރިއަށް މިދަނީ ޓެކްނިކަލް ކޮމިޓީ، އެމެޖެންސީ ކޮމިޓީތައް ހަދައިގެން.

00:16

މިނިސްޓަރު އަލީ ވަހީދު -- ކާޑުގެ ބާވަތްތައް އެބަހުރި. އެކަމަކު މީހުން ޕެނިކް ވެގެން ގަންނަން ފެށީމާ އެ ނުހުންނާނެ. މީހުން ޕެނިކްވާކަށް ނުޖެހޭ. މި ސަރުކާރުން އިގްތިސާދުވެސް ކުރިއަށް ގެންދާނެ. މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އެހެން ހަރަދުތައް ކުޑަކުރާނެ. ރާއްޖެ އަދިވެސް މި އޮތީ ވައިޓްއެލާޓް މިންގަނޑުގައި މި އޮތީ.

00:09

އެންޑީއެމްއޭ - ކޮންމެ ގައުމަކުން ވެސް ވީހާވެސް އަވަހަކަށް ކޭސް ޑިޑެކްޓްކޮށްފައި ފަރުވާދޭން ފަށައިފިއްޔާ މިކަން ހައްލު ކުރެވިދާނެ. މިހާރު އަޅުގަނޑުމެންގެ އަމާޒު އޮތީ، ކޭސްތައް ޑިޑެކްޓްކޮށްފައި އަވަހަށް ފަރުވާކުރަން.

00:04

މިނިސްޓަރި އަލީ ވަހީދު: ރައީސް ނަޝީދު އެ ފާޅުކުރައްވަނީ ހަމަ ރަނގަޅު ހިޔާލު. އެއީ ރައްޔިތުން ހޭލުންތެރި ކުރަން ދައްކަން ޖެހޭ ވާހަކައެއް. އެއީ ހޭލުންތެރި ކަމަށް ދައްކަވާ ވާހަކަ. އަޅުގަނޑުމެންނަށް ދުނިޔެއާ ވަކިން ނޫޅެވޭނެ. މިވަގުތަކީ ދުނިޔެއާ ރާއްޖެ ގުޅެން ޖެހޭ ވަގުތު.

00:01

މިނިސްޓަރު އަލީ ވަހީދު - ރާއްޖެ އަދި ޕެނިކަށްދާކަށް ނުވޭ.

23:58

މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ؛

  • ދިވެހި އަންހެނަކާ ކުޑަކުއްޖެއް ފަރުކޮޅު ފުށީގައި
  • އިޓަލީގެ ތިން މީހުން
  • ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު

މިހާތަނަށް ޖުމްލަ ހަ މީހަކު ވަނީ ކަރަންޓީނުކޮށްފައި.

23:55

ހެލްތް މިނިސްޓަރު، އަމީން: ރާއްޖޭގައި އަދިވެސް އެއްވެސް ޕޮޒިޓިވް ކޭސްއެއް ނެތް. ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެއް މި އަަޅަނީ، ޗާންސެއް ނުނަގާން ވެގެން. ހުރިހާ ރަށެއް ވެސް އޮތީ ކޮރޯނާ ކޭސްއަކަށް ތައްޔާރަށް. ކޭސްއެއް ފެނިއްޖެ ނަމަ، މިކަން އަޅުގަނޑުމެންނަށް ކޮންޓެއިން ކުރެވޭނެ.

23:52

ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް

މިނިސްޓަރު އަލީ ވަހީދު: ކ. ވިލިވަރުގައިވެސް ކަރަންޓީނު ފެސިލިޓީއެއް ވަނީ ހަދާފައި. ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް.

23:51

މިނިސްޓަރި އަލީ ވަހީދު: ހާސްވާން ޖެހޭ ހާލަތަކަށް އަދި ނުދޭ. ކުރެއްދޫގައި ހުރި ޓޫރިސްޓު އޭނާ އަމިއްލައަށް އެންގީ އޭނާ ޕޮޒިޓިވްވެފައިވާ ކަމަށް. އެ ހިސާބުން އަޅުގަނޑުމެން ސަލާމަތަކަށް މި ސްކްރީނިން ކުރިއަށް ގެންދަނީ.

23:45

އިޓަލީއިން ޓޫރިސްޓުން އައުން މަނާކޮށްފި

މިނިސްޓަރު އަލީ ވަހީދު: އިޓަލީއިން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކުރަން ސަރުކާރުން ނިންމައިފި. މާދަމާ ރޭ 11:00 އިން ފެށިގެން އިޓަލީ ޓޫރިސްޓުންނަށް ރާއްޖެއަކަށް އެތެެރެ ނުވެވޭނެ. މިކަން ރައީސް ނިންމެވީ، މިވަގުތު ދިވެހިންގެ ސިއްހަތު މުހިންމު ކަމަށް ފެންނާތީ. މި ފިޔަވަޅުގެ ސަބަބުން ފަތުރުވެރިއަކަށް ގެއްލުން ނުވާނެ ގޮތަކަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި.

23:42

ތިނަދުއަށް އަރާ ފޭބުން މަނާކޮށްފި

ވ. ތިނަދުއަށް އަރާ ފޭބުން ވަނީ މަނާކޮށްފައި. އަދި އެ ރަށުގައި ސްކްރީނިން ވެސް ދަނީ ކުރިއަށް.

23:39

މިރޭ ޕްރެސް ދެއްވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހެލްތް މިނިސްޓަރު އަމީން އަދި ނޭޝަނަލް ޑިސާޒްޓާ މެނޭޖްމަންޓުގެ އިސްވެރިޔާ.

23:35

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައި. އެެގޮތުން؛

  • ޗައިނާއިން ސީދާ ފްލައިޓްތައް އައުން މަނާކުރުން.
  • ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރުން.
  • ކްރޫޒްލައިނާތައް ރާއްޖެ ވަނުން ވަގުތީ ގޮތުން މަނާކުރުން.
  • ބޭރުން އަންނަ މީހުން ސްކްރީން ކުރަން ޓްރެވަލް ކްލިނިކެއް ގާއިމްކުރުން
  • މާލޭގައި މިހާރު ފެތުރޭ އެހެނިހެން ރޯގާތަކަށް ފަރުވާދޭން ސެނަހިޔާގައި ފްލޫ ކުލިނިކެއް ގާއިމް ކުރުން.

މީގެ އިތުތުން ކޮރޯނާއަށް ޝައްކުވާ މީހުން ކަރަންޓީނު ކުރަން، ހުޅުމާލެ ދެވަނަ ފޭސްގައިވާ ފަރުކޮޅު ފުށި އަދި އެސްޓީއޯގެ ތެޔޮ ރައްކާ ކުރާރަށް ފުނަދޫގައި ވަނީ ކަރަންޓީނު ސެންޓަރު ގާއިމްކޮށްފައި.

23:28

ކޮވިޑް-19އަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެ ކަރަންޓީނުކޮށްފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައި. މިރޭގެ ޕްރެސްގައި އެ މީހާގެ ޓެސްޓްގެ ނަތީޖާ ހާމަކުރާނެ ކަމަށް ބެލެވޭ. އަދި ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ޓޫރިސްޓަކު ވެސް އެ ބައްޔަށް ޝައްކުވެގެން ވަނީ ކަރަންޓީނުކޮށްފައި. މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑްއަށް ޝައްކު ވެގެން ކަރަންޓީނުކުރި ނަމަވެސް، އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައެއް ނުވޭ.