ކޮވިޑް-19ގެ ބިރަށް ބޫޓާނަށް ޓޫރިސްޓުން ނުވައްދަން ނިންމައިިފި

ބޫޓާނުގައި ފަތުވެރިން ޒިރާތްކުރާ ސަރަހައްދެއް

ތިމްޕޫ (6 ފެބްރުއަރީ 2020) : ކޮވިޑް-19 ވައިރަސް އިން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް މަރުޙަބާ ނުކިޔުމަށް ބޫޓާނުން ނިންމައިފި އެވެ.

ބޫޓާނުގެ ސަރުކާރުން ބުނީ ކުރިޔަށްއޮތް ދެހަފްތާގައި އެގައުމު ފަތުރުވެރިނަށް އެއްވެސް ވަރަކަށް މަރުޙަބާ ނުކިޔާނެ ކަމަށާއި ދެ ހަފްތާވަންދެން ފަތުރުވެރިން ބޫޓާނަށް އެތެރެވުން އިއްޔެއިން ފެށިގެން މަނާކޮށްފައިވާކަމުގަ އެވެ. ބޫޓާނަކީ ފަތުރުވެރިކަމަށް މިހާރު ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ނަމަވެސް މި ފިޔަވަޅު އަޅަން މަޖްބޫރުވީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ދުރާލައި އަޅާފިޔަވަޅެއްގެ ގޮތުގައި ކަމަށް އެގައުމުގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވި އެވެ.

ބޫޓާނުން މިފަދަ ހަރުކަށި ނިންމުމެއް މިނިންމީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު އިއްޔެ އެގައުމުން ފެނުމާ ގުޅިގެންނެވެ. ބޫޓާނަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުންދިޔުމަކީ ފަތުރުވެރިން އެތެރެވުން މަނާކުރުމަށް ނިންމަންޖެހުނު މައިގަނޑު ސަބަބުކަމަށްވެސް ބޫޓާން ސަރުކާރުން ބުނެއެވެ. ބޫޓާނުންއިއްވަނީ ގިނަ ސްކޫލްތަކާއި މަތީ ތައުލީމުގެ މަރުކަޒުތައްވެސް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި އެތެރޭގެ ބޮޑެތި މަހާސިންތާތަކާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ސެމިނާތައްވެސް ދެހަފްތާގެ މުއްދަތަށް އެގައުމުގައި ނުބޭއްވުމަށް ބޫޓާން ސަރުކާރުން ވަނީ ނިންމާފައެވެ.

ބޫޓާންގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ އިންޑިއާގައި އުޅުމަށްފަހު ބޫޓާންއަށް އެތެރެވި އެމެރިކާގެ ފަތުރުވެރިއެކެވެ. އުމުރުން 79 އަހަރުގެ އެމެރިކާގެ އެމީހާ އިންޑިއާއަށް ގޮސްފައިވަނީ ފެބުރުވަރީ މަހުގެ ފަހު ހަފްތާގައި ކަމަށާ އޭނާ ބޫޓާނަށް އެތެރެވެފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އެމީހާ މިހާރުހުރީ ބޫޓާންގެ ވެރިރަށް ތިމްޕޫގައި ކޮވިޑް-19 ޖެހޭ މީހުން އެކަހެރި ކުރުމަށް ގާއިމް ކޮށްފައިވާ ތަނެއްގައި ކަރަންޓީނުކޮށްފައެވެ.

އިންޑިގެ އުތުރުގެ ސްޓޭޓްތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އިންޑިއާގައި ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 39 އަށް އަރާފައެވެ. ދުނިޔޭގެ ފަގީރު އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ބޫޓާންގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޖަންގަލިތަކުން ލިބޭ އާމްދަނީއާއި ދަނޑުވެރިކަމުގެ މައްޗަށެވެ. 1974 ގައި ބޫޓާނުން ފަތުރުވެރިކަން ފެށިނަމަވެސް އެގައުމުގެ ފަތުރުވެރިކަން 2000 ވަނައަހަރާ ހަމައަށް އޮތީ ވަރަށް ހީނަރުކޮށެވެ. 2000 ވަނައަހަރުން ފެށިގެން ބޫޓާނުގެ ސަރުކާރުންނާއި ޕްރައިވެޓް ސެކްޓާ ގުޅިގެން ފަތުރުވެރިކަމަށް ބޮޑު އިސްކަމެއް ދީގެން ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ވަނީ ބިނާކުރަން ފަށާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު