އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް މިމަހު ނިމޭނެ، ފިޔަވަޅު އަޅާނަން: ރައީސް

ރައީސް ސޯލިހް މިރޭގެ ބައްދަލުވުމުގައި ވާހަކަދައްވަނީ --- ސަން ފޮޓޯ

އެސެޓް ރިކަވަރީ ކޮމިޝަންގެ ފައިނަލް ރިޕޯޓް މިމަހު ނިމޭނެ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭ ކަންކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލީ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ. އެ ފައިސާތައް ހޯދައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާމެދު ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ރިޔާސީ ވައުދެކެވެ.

މިރޭ ދަރުބާރުގޭގައި ރ. އަތޮޅު އެމްޑީޕީ ކައުންސިލް އިންތިހާބު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރިޕޯޓު އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އަދި ފައިނަލް ރިޕޯޓު ލިބުމުން ފިޔަވަޅު އަޅާއި، އެކަންކަން ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑު މިބަލަނީ މި މަސްތެރޭ އޭގެ [ކޮމިޝަންގެ] ފައިނަލް ޑްރާފް ކޮމިޝަނުން ތައްޔާރުކުރުމާއެކު، އެއާ ގުޅިގެން ފިޔަވަޅުތައް އަޅައި، ތިބޭފުޅުންނަށް ހާމަ ކުރަން ޖެހޭ ކަންކަން ހާމަ ކުރާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އެސެޓް ރިކަވަރީ ކޮމިޝަންގެ ހޯދުންތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ

އެސެޓް ރިކަވަރީ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ބަލަމުން އަންނަނީ، 3.3 ބިލިއަން ރުފިޔާގެ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ތަހުގީގެވެ. އެ ކޮމިޝަނުން ވަނީ އެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 267 މީހުންގެ ލިސްޓެއް އެކުލަވާލާފަ އެވެ. ނަމަވެސް އަދި މިހާތަނަށް ކޮމިޝަނުން އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ބޯހިޔާވަހި ކަމުގެ މަސައްލައަކީ، ބޮޑު މައްސަލައެއް ކަމަށާއި މިއަހަރު ތެރޭ ހާއްސަކޮށް މާލެ އަދި އަތޮޅުތެރޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ މިއަހަރު ތެރޭ، ހާއްސަކޮށް މާލެއަށް ހަމަގައިމުވެސް މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބޮޑު މަޝްރޫއުތަކެއް ބޯހިޔާވަހިކަމުގެ ދާއިރާއަށް އަޅުގަނޑުމެންނަށް ކުރެވޭނެ. އެއާއެކު އަތޮޅުތަކުގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ އަސަރު ރާއްޖެއަށްވެސް އައުމުގެ ބިރު އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ، ރަށްރަށުގެ ތަރައްގީއަށްޓަކައި މިއަހަރު ބަޖެޓް ކުރެވި، ރޭވިފައި ހުރި މަޝްރުއަތައް މަޑުޖައްސާނުލާ ކުރިއަށްދިޔުމަށް ކަމަށެވެ.

"އެ ވައިރަސް ރާއްޖެއަށް އަތުވެދޭނެ ކަމަށްޓަކައި އަޅުގަނޑުމެން މިދަނީ ކުރަމުން. ދައުލަތުގެ ހަރަދުތައްވެސް ކުޑަ މިދަނީ ކުރަމުން. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ރަށްރަށުގެ ތަރައްގީއަށްޓަކައި މިއަހަރު ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސްޖައްސާނުލާ ކުރިއަށް ދިޔުން. އުންމީދަކީވެސް އެއީ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ހަގީގީ ފައިދާ ލިބޭނީ އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެންނެވެ. އެހެން ކަމުން އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ދިނުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ވެރިކަމަށް ތިބޭފުޅުން އަޅުގަނޑު ހޮއްވެވީ ކޯލިޝަންއެއްގެ ތެރެއިން. އެހެން ނަަވެސް މި ލާމަރުކަޒީ ނިޒާމް ތަންފީޒުކުރަން ބޭނުން ނަމަ، އެމްޑީޕީއަށް އެބަ ޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދަދޭން. މިއީ އަޅުގަނޑުމެން ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތާ ފުށުއަރާ ކަމެއްކަމަށް އަޅުގަނޑު ހަމަ ގައުމިުވެސް ނުދެކެން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި އެ ނިޒާމް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީވެސް އެމްޑީޕީކަމަށް ރައީސް ސޯލިހް ވިދާޅުވާ ވިދާޅުވުން މިރޭވެސް އެމަނިކުފާނު ތަކުރާރު ކުރެެއްވިއެެވެ.

މި ބައްދަލުވުމުގައި، ރ. އަތޮޅު އެމްޑީޕީ މަޖިލިސް ތިން މެމްބަރުންނާއި މާލޭގައި ދިރިއުޅުއްވާ ރ. އަތޮޅު ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޭގެ އިތުރުން ރ. އަތޮޅު ބައެއް ކެންޑީޑޭޓުންވެސް ވަނީ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ. ަންނަ މަހު ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް 980 ބޭފުޅުން އިންތިހާބު ކުރައްވާއިރު، އެމްޑީޕީން 876 ކެންޑިޑޭޓުން ވާދަ ކުރެއެވެ. ޖުމްލަ އެ އިންތިހާބަށް ވާދަކުރައްވަނީ 2400 އެއްހާ ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް