ވޯޓް ހޯދަން އެމްޑީޕީ މެންބަރުން ކައިރިއަށްވެސް ދާނަން: މުއިއްޒު

ފެބްރުއަރީ 28، 2020: ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން، ވޯޓު ހޯދަން އެމްޑީޕީގެ މެންބަރުން ކައިރިއަށް ވެސް ދިޔުމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ނާސިރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމް އިން މާލެ ސިޓީގެ ގޮނޑިތަކަށް ކުރިމަތިލާފައި ވަނީ އިހްލާސްތެރި ތެދުވެރި ނިޔަތުގައި މާލޭގެ ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދީ މާލޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް އިން މި ފަހަރުގެ އިންތިހާބަށް ނުކުންނަނީ ޕާޓީ ފިކުރަށްވުރެ ބޮޑަށް، ގައުމީ ފިކުރުގައި، ގައުމީ މަސައްކަތެއް ކުރުމަށް ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ މެމްބަރުންނާ ސަޕޯޓަރުންގެ އިތުރުން، އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެކަން ބަލައިގަތުމަށް މުއިއްޒު އެދިވަޑައިގަތެެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރު އައި ފަހުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު، ސަރުކާރު ގެނައުމަށް ވޯޓުދިން ރައްޔިތުންގެ އުންމީދުތައް ވެސް އެއްވެސް މިންވަރެއް ހާސިލްކޮށްދެވިފައި ނުވާކަމަށެވެ.

ހަމައެއާއެކު ރާއްޖެ ގައުމަކަށްވާ އެންމެ މުހިންމު ސިފަތައް ކަމުގައިވާ، އިސްލާމްދީނާ، ގައުމިއްޔަތާ ގައުމުގެ މިނިވަންކަމަށް ވެސް ބޮޑެތި ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ،، އަދި ވަޒީފާގެ ފުރުސަތުތައް މަދުވެ، ރާއްޖޭގެ އިގްތިސާދަށް ވެސް ގެއްލުން ލިބެމުންް އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިކަންކަން މިހެން ދާން ދޫކޮށްލުމުގެ ބަދަލުގައި ހުރިހާ ބާރުތަކެއް އެއް ބައެއްގެ އަތް މައްޗަށް ދޫކޮށްލުމުގެ ބަދަލުގައި މިހިސާބުން ރައްޔިތުން އެބަ ޖެހޭ ރައްޔިތުން ގައުމީ ވިސްނުމެއްގައި ނުކުމެ، އެއަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ގެންނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ނުލިބި މިހާރު އޮތީ ކައުންސިލްތަކުގެ ބާރު އެކަނި ކަމަށާއި، އެ ބާރުވެސް ދީފިނަމަ، ފާއިތުވެދިޔަ ދޮޅު އަހަރު ކަންތައްތައް ވަމުން އަންނަ ގޮތް ބަދަލުނުވެ، ގައުމުގެ ކަންކަން ބޮއްސުން ލައިގެން ގޮސް އިޔާދަ ނުކުރެވޭ ހިސާބަކަށް ރާއްޖެ ގޮސްދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެއީ ސިޔާސީ ވިސްނުމުގަައި ދައްކަވާ ވާހަކައެއް ނޫން ކަމަށާއި ގައުމާ މެދު ވިސްނާ ކޮންމެ ޕާޓީއެއްގެ ކޮންމެ މީހެއްގެ ވެސް ވިސްނުމަަކަށް ވާނީ އެއީ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އެދެން އެމްޑީޕީ އަދި އެހެން ޕާޓީތަކުގެ ބޭފުޅުން ގާތަށް ވެސް ވަޑައިގެން ވޯޓު ދެއްވުމަށް އެދި ދެންނެވުން. އެކަމަށް އެއްވެސް ވަރަކަށް ފަސްނުޖެހުން. އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރަން ބޭނުންނަމަ އަޅުގަނޑުމެން އެބަޖެހޭ މި މަސައްކަތުގައި ބައިވެރިވާން، މިއީ ގައުމީ މަސައްކަތެއް. މިއީ އެއްބައިވަންތަކަމުގެ މަސައްކަތަކަށް ވާންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އޭނާ ކަމެއް ކުރައްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކުރާނެކަން ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށާއި އެ އިތުބާރު ރައްޔިތުން ކުރާ ކަމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ފުރުސަތު ދީފި ނަމަ މާލޭ ރައްޔިތުންގެ މޫނުމަތިން ފެނިގެންދާނީ ހިނިތުންވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 24 ގަޑިއިރު ތިބޭނެ ކަމަށާއި، ޕީޕީއެމް މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ބައެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

comment ކޮމެންޓް