މިސްކިތްތަކުގެ ކާޕެޓު ބަދަލުކޮށް، ސައި ހޮޓާތަކުގެ ސާފުތާހިރުކަން ބަލަނީ

ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މާލޭ ސިޓީގެ މިސްކިތްތަކުގެ ކާޕެޓު ބަދަލުކޮށް، ސައި ހޮޓާތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ބެލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމަށް ތަފާތު މަސައްކަތްތައް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ތައްޔާރުވެފައެވެ. އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓާ ގުޅިގެން ތަފާތު މަސައްކަތްކުރުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންތައްތަކުގެ ލަފާ ވެސް ދީފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ސައި ހޮޓާތަކާއި ކެފޭތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަދި އެ ބޭފުޅުންނާ ބައްދަލުކޮށްފައި، ޑިޒާސްޓާ މެނޭޖްމެންޓުގެ ފަރާތުން މައުލޫމާތުތަކެއް އަޅުގަނޑުމެން އެ ބޭފުޅުންނާ ހިއްސާކުރާނަން. އަދި ކުރިއަށް އޮތްތަނުގައި އެތަންތަނުގައި ސެނިޓައިޒާ ފަދަ ތަކެތި ބެހެއްޓުމަށް އިރުޝާދު ދޭނަން،" ޝިފާ ވިދާޅުވިއެވެ.

ކެފޭތަކާއި ސައި ހޮޓާތަކުގެ އިތުރުން މިސްކިިތްތަކުގެ ސާފުތާހިރު ކަމުގެ ކަންތައްވެސް ހައްލަކަށް އެޅުވުމަށް މަސައްކަތްކުރާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

އެގޮތުން މާލޭގެ މިސްކިތްތަކުގެ ތެރެއިން ކާޕެޓު ބޭނުންކުރާ މިސްކިތްތައް ބަލައި މިހާރު އެތަންތައް ދެނެގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިންނަވާ ފަދައިން، އެތަނުގައި ހުންނަ ކާޕެޓުތައް ސާފުތާހިރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންނަށް ލިބޭ އިރުޝާދުތަކުގެ މަތީން އަޅުގަނޑުމެން އެކަންތައް ކުރާނަން،" ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ތަށިމުށި ޖަހާފައިވާ މިސްކިތްތައް ސާފުކުރާނަމަ ބްލީޗު ފަދަ ތަކެތި ބޭނުންކޮށްގެން އެކަންތައް ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކާޕެޓު އަޅާފައިވާ ތަނެއް ނަމަ ސާފުކޮށް ހަދަން އުނދަގުވާނެ ކަމަށާއި އެތަކެތި ބަދަލުކުރަން ޖެހިއްޖެ ނަމަ އެކަންތައް ކުރުމަށް ތައްޔާރު ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް