ޕްރައިމަރީން ބަލިވި މީހުން އިންތިހާބުގައި ވާދަކުރާނަމަ ޕާޓީން ވަކިކުރާނަން: އެމްޑީޕީ

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ ހުރިހާާ ކެނޑިޑޭޓުން ޕާޓީން ވަކި ކުރަން އެމްޑީޕީއިން ނިންމައިފި އެވެ.

އެމްޑީޕީއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު އެގޮތަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށްފަހުގައި ކަމަށެވެ.

އެމްޑީޕީއިން ބުނެފައިވަނީ ކައުންސިލު އިންތިހާބާއެކު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބުގެ ކެންޑިޑޭޓުންގެ ތެރެއިން އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް ވެސް ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

އޭގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 876 ގޮނޑިއަށް ކަމަށާއި، އޭގެ ތެރޭގައި 337 އަންހެން ކެންޑިޑޭޓުން ހިމެނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އިންތިހާބަކާ ނުލާ އެމްޑީޕީއަށް 13 ގޮނޑި ވަނީ ކަށަވަރުވެފައެވެ.

comment ކޮމެންޓް