ކުޑަކުދިންގެ މައްސަލަތަކުގައި މުއައްސަސާތައް ހަރުދަނާވާން ރައީސް އިލްތިމާސްކުރައްވައިފި

އާކް އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ރައީސް އޮފީސް

ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކުން މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

"ސެލެބްރޭޓިން އަ ޑިކޭޑް އޮފް ޑިފަރެންސް"ގެ ނަމުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެފަދަ ކަންކަމުގައި ކަމާބެހޭ އިދާރާގެ ފަންނީ ބޭފުޅުން މަދުވުމަކީ މައްސަލައެއް ކަމަށެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން ފަދަ މަސައްކަތްތަކުގައި އިޖުތިމާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރައީސް ވަނީ އެދިވަޑައިންނަވާފައެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތްތަކުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތައް ކަމަށެވެ.

އަދި އެފަދަ މައްސަލަތަކަށް ހައްލެއް ހޯދޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުޑަކުދިންނަށް އަނިޔާކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

އެގޮތުން އެފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އުފައްދާފައިވާ ކަމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް