އޭދަފުށި ކޮޅަށް ޓީސީއިން 13 ގޯލު ޖެހިއިރު ސައްޓުއަށް ދެ ރެކޯޑެއް!

އެފްއޭކަޕުގައި މިއަދު ޓީސީއާއި އޭދަފުށު ބައްދަލު ކުރި މެޗުގެ ތެރެއިން: މެޗު 13-0 އިން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް އެފްއޭ ކަޕުގެ ފުރަތަމަ މެޗުގައި މިއަދު ބ. އޭދަފުށި ކޮޅަށް 13 ގޯލު ޖަހައި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދި ޓީސީއިން ފެށުން ރަނގަޅުކޮށްފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށައި އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކުރުމަށްފަހު އައިސް ޓީސީއިން ކުޅުނު ފުރަތަމަ މެޗުގައި، އޭދަފުށި އަތުން ބޮޑު މޮޅެއް ހޯދިއިރު މި މުބާރާތަކީ އެ ޓީމަށް އަންނަ ސީޒަނުގެ އޭއެފްސީގެ ޖާގަ ހޯދުމަށް ލިބޭނެ ފުރުސަތެކެވެ.

މިފަހަރުގެ ލީގު ޗެމްޕިއަންކަން މާޒިޔާ ހޯދި އިރު އެ ޓީމަށް ވަނީ އަންނަ ސީޒަނުގެ އޭއެފްސީ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރު ވެފައެވެ. ވުމާއެކު އެފްއޭ ކަޕުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭއެފްސީ ޕްލިމިނަރީ ބުރުން ފުރުސަތު ލިބޭނެއެވެ. އެކަމަކު މާޒިޔާ މި މުބާރާތް ކާމިޔާބުކޮށްފިނަމަ އެ ފުރުސަތު ލިބޭނީ ލީގުގެ ރަނަރަޕްކަން ހޯދި އީގަލްސް އަށެވެ.

އެފްއޭކަޕުގައި މިއަދު ޓީސީއާއި އޭދަފުށު ބައްދަލު ކުރި މެޗުގެ ތެރެއިން: މެޗު 13-0 އިން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗަށް ޓީސީން ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. މެޗު ފެށުމަށް ރެފްރީ ކަށިގަނޑު ފުމެލިތާ 10 ސިކުންތުގެ ތެރޭގައި ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ޖައްސާލި ބޯޅައަކުން އިބްރާހިމް އިޝާން (ސައްޓު) ވަނީ ގޯލު ޖަހައިފައެވެ. އަމިއްލަ ރަށު ޓީމާ ދެކޮޅަށް ކުޅުނު މި މެޗުގައި ސައްޓު ޖެހި ފުރަތަމަ ގޯލަކީ ދިވެހި ފުޓުބޯޅައިގައި މިހާތަނަށް މެޗެއްގައި އެންމެ އަވަހަށް ޖެހި ގޯލެވެ.

ސައްޓު ވަނީ އޭގެ 10 މިނަޓު ފަހުން ޓީސީއަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 13 ވަނަ މިނަޓުގައި އިތުރު ގޯލެއް ޖަހައި އޭނާ ވަނީ އެފްއޭ ކަޕުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީއިން ވަނީ އޭދަފުށި ކޮޅަށް ހަތް ގޯލު ޖަހައިފަ އެވެ. ސައްޓުގެ ތިން ގޯލުގެ އިތުރުން އެ ހާފުގައި ޓީސީއަށް ގޯލު ޖަހައިދިނީ ދަގަނޑޭއާއި އިސްމާއިލް އީސާ (މެސީ)ގެ އިތުރުން މެލްކޮމް ސްޓެވާޓް އެވެ. މެލްކޮމްއާއި ދަގަނޑޭ އެ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗު ނިމެންދަނިކޮށް މެސީއާއި އަހުމަދު ފައްރާހު ވަނީ އިތުރު ގޯލުތަކެއް ޖަހައިފަ އެވެ.

އެފްއޭކަޕުގައި މިއަދު ޓީސީއާއި އޭދަފުށު ބައްދަލު ކުރި މެޗުގެ ތެރެއިން: މެޗު 13-0 އިން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ: އެފްއޭއެމް

މެޗަށްފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗުގައި ގިނަ ގޯލުތަކެއް ޖެހި ނަމަވެސް އަމާޒަކަށްވީ މޮޅަށް ކުޅެ މޮޅުވާން ކަމަށް ޝާޒް ބުންޏެވެ.

"މި މެޗުގެ ވިންއަކީ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް. މީގަ ބޮޑަށް ގޯލުތަކެއް ގިނަވަގެން އެދިޔައީ ފުރަތަމަ ކޮޅު ގިނަ ގޯލުތަކެއް ޖެހިގެން ދިޔައީމަ،" ޝާޒް ބުންޏެވެ.

comment ކޮމެންޓް