ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 38 ޕަސެންޓް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދަނީ --- ސަން ފޮޓޯ : އަހުމަދު މިޒްޔާލް

ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 38 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަނިމާދު އަށް ވަޑައިގެން މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު މި އަހަރުގެ އޯގަސްޓު މަހުގެ ކުރީން ނިންމާލުމަށް ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ މެއި މަހުގައި ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

ހަނިމާދޫގެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : އަހުމަދު މިޒްޔާލް

އެ މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއިން ބުނެފައިވަނީ އެއީ ޖުމްލަ ހަ ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

ހަނިމާދޫ މަގުހެދުމުގެ މަސައްކަތުގެ އިތުރުން އެރަށު ބަނދަރު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ މަޝްރޫއަކީ 425 ދުވަހަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އަންނަ އަހަރުގެ މެދެއްހާ ތެރޭގައި އެ މަޝްރޫއު ނިންމާލުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް