ތިލަފުށި ބްރިޖުގެ ސާވޭ 15 މިލިއަން ޑޮލަރަށް ނެދަލެންޑްސް ކުންފުންޏަކަށް

މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާ ހަވާލުކުރުން --- ސަން ފޮޓޯ: އަހުމަދު ސައީދު

މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯ ޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭ ކުރާނެ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 15 މިލިއަން ޑޮލަރަށެވެ.

އެކުންފުނީގެ މަސައްކަތްތައް މި މަހުގެ 15 ގައި ފަށާއިރު މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަތްވަނަ ދުވަހު އެވެ.

"މި ކުންފުންޏަކީ ދުނިޔޭގެ އެންމެ ފުންނާބު އުސް ކުންފުނީގެ ތެރެއިން އިންޓަނޭޝަނަލް ބިޑިން އެއްގައި އެންމެ ރަނގަޅު އަގު ހުށަހެޅި ކުންފުނި." ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ބްރިޖުގެ ސާވޭ ކުރުމަށް މާލެ ސަރަހައްދުން ފެށިގެން ތިލަފުއްޓާ ހަމައަށް ބޯހޯލް ތޮރުފާނެ އެވެ.

"މާލޭގައި ލޭންޑް ސައިޑުން ދެ ސަރަހައްދެއް. މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާ ތިލަފުށި ހިމެނޭގޮތަށް ބޯހޯލް ތޮރުފާނެ. ލޭންޑް ސާވޭތައް މާލެ އާއި ތިލަފުށި އަދި ގުޅީފަޅުގައި ކުރާނެ،" އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ވިދާޅުވި އެވެ.

އަކްރަމް މިއަދު ވިދާޅުވީ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށެވެ.

https://sun.mv/130994

ތިލަފުށްޓާ މާލެ ގުޅުވާލާ ބުރިޖު އަޅާނީ އިންޑިއާގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ.

އަކުރަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޓެންޑާގެ މަސައްކަތް ކުރިއަށްދާނީ އިންޑިއާގައި ކަމަށެވެ.

"ކޮންމެ ބޭރުގެ ސަރުކާރަކުން ދޭ ލޯނުގެ އުސޫލަކީ އެގައުމެއްގެ ސަރުކާރުގެ ކުންފުނިތައް ބައިވެރިކުރަންޖެހޭ. ލޯނު ދޭއިރު ސަރުކާރުގެ ކުންފުންޏެއް ބައިވެރިކޮށްގެން ކުރިއަށް ގެންދަން ޖެހެނީ،" އަކްރަމް ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ ކުންފުނިތައް ޝޯޓްލިސްޓުކޮށް ޓެންޑާ ކުރުމުގެ މަސައްކަތްވެސް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށެވެ. ބްރިޖުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެންޑަރިންގެ މަސައްކަތް ކުރިއަށްދާނީ ޖުލައި ހިސާބުގައި ކަމަށެވެ.

https://sun.mv/132443

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

comment ކޮމެންޓް