މަޑުއްވަރިން ހައްޔަރުކުރި މީހުންނަށް ދައުވާކޮށްފި

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ---

ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަ މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކޮށް، އެ ފިކުރު ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލައިގައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، މީރާ، ހަސަން ރާޒީ އާއި، މީޒާން، ހަސަން ސިޔާދު އާއި ހަމަ އެ ގޭ އާދަމް ސުހައިލް އާއި، ސައީދާމަންޒިލް، މުހައްމަދު މައުޖޫދު އަދި ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީ އެވެ.

އޭގެތެރެއިން މުހައްމަދު މައުޖޫދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އަނެއް ފަސް މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދިޔައީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި އެ ރަށުގެ ބައެއް ގެތަކާއި ދޯންޏެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ހެކިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ.

comment ކޮމެންޓް