ރޯދަޔަށް އެންޒީގެ މަސްދަޅު ސީދާ ގެޔަށް ގެންގޮސްދެނީ

އެންޒީން ރޯދަ މަހަށް ހާއްސަކޮށް، ގޭގެއަށް މަސްދަޅު ހިލޭ ޑެލިވަރީ ކޮށްދޭ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

އެންޒީ އިން ބުނީ މަސްދަޅު ޑެލިވަރީކޮށްދޭ ޕްރޮމޯޝަން ފަށާނީ މި މަހުގެ ހަތެއްވާ ހޮނިހިރު ދުވަހު ކަމަށާއި އެއީ އެންޒީއިން މިހާރުވެސް ކުރިއަށް ގެންދާ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަނާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އެންޒީން ބުނީ ދަޅުމަހަކީ ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށް ވާތީ، މިއީ ރައްޔިތުންގެ ވަގުތު ސަލާމަތްކޮށްދިނުމަށް ފަށާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން މަސްދަޅު ހިލޭ ޑެލިވަރީކޮށްދޭނީ މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަދި ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނީ 13 ދަޅަށް ވުރެ ގިނައިން އޯޑަރު ކުރާ ފަރާތްތަކަށް ކަމަށް ވެސް އެންޒީން ބުންޏެވެ.

އޯޑަރު ދޭން ހަދާނީ ކިހިނެތް؟

  • އޯޑަރު ދިނުމަށް މާލޭގެ ކަސްޓަމަރުން ގުޅާނީ 7248899
  • އޯޑަރު ދިނުމަށް ހުޅުމާލޭގެ ކަސްޓަމަރުން ގުޅާނީ 7258899
  • ގުޅުމަށްފަހު ބޭނުންވާ އަދަދު، ބާވަތް (ތެޔޮ/ފެން)، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދޭނީ
  • ބޭންކް އޮފް މޯލްޑިވްސް މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޭމަންޓުގެ ހިދުމަތް މެދުވެރިކޮށް ފައިސާ ދައްކާލާ

އެންޒީން ބުނީ އޯޑަރު ދިނުމަށް ގުޅާނީ ހެނދުނު 08:30 އާއި ހަވީރު 4:00 އާ ދެމެދު ކަމަށެވެ. އަދި އޯޑަރު ނަގައި ފައިސާ ދެއްކުމުން، ޖެހިގެން އަންނަ ދުވަހު އެންޒީގެ ޓީމުން، އެ ޕްރޮޑަކްޓު ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮމޯޝަންގައި ޑެލިވާ ކުރަން ހަމަޖެހިފައި ވަނީ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެވެ. އޭރުން ލޭބަލްކޮޅު ދަޅުން ނައްޓާލައި، އޭގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް މެސެޖުކޮށްލުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ވެސް ތިން ނަސީބުވެރިން ހޮވާނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 1،000، 5،000، 10،000 ރުފިޔާ ލިބިގެންދާނެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ނިޔަލަށް އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަނަށް އެސްއެމްއެސް ކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނަގާނެއެވެ.

ގްރޭންޑް ލަކީޑްރޯއިން ހޮވޭ ތިން ފަރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާ އާއި، 50،000 ރުފިޔާ އާއި 1،00،000 ރުފިޔާ، ލިބޭނެއެވެ.

މީގެ އިތުރުންވެސް ރޯދަ މަހާ ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންދަން އެންޒީން ވަނީ ނިންމައިފަ އެވެ. އެގޮތުން މި ފެށޭ ހަފްތާގައި އެންޒީގެ ސޭލްސް ޓީމުން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ ދަޅުމަސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންޒީން ބުނެއެވެ.

comment ކޮމެންޓް