ޔާމީން އެއް ގަޑިއިރަށް ގެޔަށް ގެނެސްފި

ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އެއް ގަޑިއިރަށް އެމަނިކުފާނުގެ ގެކޮޅަށް ގެނެސްފި އެވެ.

މިއަދު ހައިކޯޓުގައި ވަނީ ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް ބާއްވާފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ޗެނަލް 13 އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ، ރައީސް ޔާމީން ގެޔަށް ވަޑައިގެންނެވީ އަމިއްލަ އެދިވަޑައިގަތުމަކަށް ކަމަށެވެ. މިކަމާ ގުޅިގެން އާސިފު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިއަދު "ސަން" އަށް ވިދާޅުވީ، ރައީސް ޔާމީން މިއަދު ހައި ކޯޓުގައި ތާވަލް ކުރި އަޑުއެހުމަށާއި ފުލުހުން ހިންގާ ތަހުގީގަށް މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ، ފުލުހުން ހިންގަވާ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުހުންގެ އިދާރާގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ފަހުން ލިބުނު މައުލޫމަތަކީ، ކޯޓުގެ އަޑުއެހުމަށްފަހު ރައީސް ޔާމީން ހުންނެވީ ފުލުހުންގެ ތަހުގީގަށް ފުލުހުންގެ އިދާރާގައި ކަމަށް،" އަހްމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވެއެވެ.

ރައީސް ޔާމީން ގެޔަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެ ސަރައްހަދަށް އެއްވެފައެވެ.

ރައީސް ޔާމީން ގެޔަށް ވަޑައިގެންނެވި ވަގުތު ސަޕޯޯޓަރުން އެ ސަރައްހަދަށް އެއްވެފައި --- ސަން ފޮޓޯ/ އަހްމަދު ސައީދު

ރައީސް ޔާމީންއާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ތަހުގީގާ ގުޅިގެން މިދިޔަ ހަފްތާ ހުކުރު ދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށްވެސް ހާޒިރު ކުރިއެވެ. އެކަމާ ގުޅިގެން ފުލުނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވި ޝަރީއަތް ކުރެވުނު މައްސަލައާ ބެހޭގޮތުން ސުވާލު ކުރުމަށް ނޫން ކަމަށެވެ. އަދި އެމަނިކުފާނާ ސުވާލު ކުރެވުނު މައްސަލަތަކުގެ ހުލާސާއެއް ފުލުހުން ދިނެވެ.

ފުލުހުން ބުނި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ، އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކުރުމެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ހޯދުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލަވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށްވެސް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެއީ މީގެ ކުރިންވެސް ރައީސް ޔާމީނު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރެވުނު މައްސަލަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީ މެދުވެެރިކޮށް ރަށެއް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުވެސް ކުރެވޭކަން ފުލުހުން ހާމަކުރި އެވެ. އެ މައްސަލައަކީ އދ. ފުއްގިރި ނަމަކަށް ކިޔާ ރަށެއް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ނަގައި އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބަޔާނުގައި ބުނެ އެވެ.

https://sun.mv/132156

މިހާރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް