ޔާމީނަށް ކުރި ތުހުމަތު ގާނޫނީ އިންޒާރުން ސާފުވާނެ: ދައުލަތް

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކުރި ތުހުމަތު، ފުލުހުންގެ ތަހުގީގަށް އެމަނިކުފާނާ ސުވާލު ކުރަން ހާޒިރުކޮށް އިއްވި ގާނޫނީ އިންޒާރުން ސާފުވާނެ ކަމަށް މިއަދު ދައުލަތުގެ ވަކީލުން ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ.

ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ދައުވާ ކުރިއިރު، އެމަނިކުފާނުގެ މައްޗަށް އެކަމުގެ ތުހުމަތުކޮށް ތަހުގީގުގައި އެ ތުހުމަތާ ގުޅޭ ސުވާލު ކޮށްފައި ނުވާ ކަމަށް ޔާމީންގެ ވަކީލުން އެންމެ ފަހުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު އެ އަޑުއެހުމުގައި ވިދާޅުވީ އެމަނިކުފާނާ ސުވާލު ކުރެވުނީ ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ތުހުމަތުގައި ކަމަށެވެ. މަނީ ލޯންޑަރިންގެ ތުހުމަތުގައި ނޫން ކަމަށެވެ. އެއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 75 އިސްތިއުނާފީ ނުކުތާގެ ތެރޭގައި ހިމެނޭ ނުކުތާއެކެވެ.

މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާކަކަށް ޖަވާބުދާރީވުމެވެ.

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު މިއަދު ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި އިރު އެމަނިކުފާނަށް ގާނޫނީ އިންޒާރު ފުލުހުން އިއްވި ކަމަށެވެ. އަދި އެ ގާނޫނީ އިންޒާރުން މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭކަން ސާފުވާނެ ކަމަށް އައިޝަތު ވިދާޅުވިއެވެ.

ދައުލަތުން އެދިގެން ރައީސް ޔާމީނަށް ފުލުސް އޮފީހުގައި ގާނޫނީ އިންޒާރު ދިން މަންޒަރު ފެންނަ ރެކޯޑިންއެއް މިއަދުގެ އަޑުއެހުމުގައި ދައްކާފައިވެއެވެ. އެ ރެކޯޑިންއިން އަޑުއިވޭ ގޮތުގައި އެ ގާނޫނީ އިންޒާރުގައި އޮތީ، ރައީސް ޔާމީން ސުވާލު ކުރަން ހާޒިރު ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު މަންފާ ލިބޭ ގޮތަށް އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ވަކީލު ޝިޔާޒް އެކަމާާ ގުޅިގެން ވިދާޅުވީ، ދައުލަތުން ދިފާއުންް ދައްކާ ވާހަކަ އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، ދިފާއުގެ ނުކުތާއަކީ ތަހުގީގުގައި ސުވާލު ނުކުރެވޭ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާ ވާހަކަކަން ޝިޔާޒް ފާހަގަކުރެއްވި އެވެ. ގާނޫނީ އިންޒާރު ކޮންމެ ގޮތަކަށް އޮތަސް ތަހުގީގުގައި މަނީ ލޯންޑަރިންގެ ކުށާއި ދައުވާކޮށްފައިވާ މައްސަލައިގެ ސީޣާގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅިގެން ސުވާލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯ ދައްކައި ނިމުމުން ގާޒީ ހުސެއިން މަޒީދު ސުވާލު ކުރެއްވީ ތަހުގީގުގައި ސުވާލު ނުކުރާ މައްސަލައެއްގައި ދައުވާ ކުރި ކަމަށް ބުނާ ދިފާއު ރައީސް ޔާމީންގެ ފަރާތުން ދަށު ކޯޓުގައި ހުށަހެޅިތޯއެވެ. ރައީސް ޔާމީންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ވަކީލު އަލީ ޝާހު ވިދާޅުވީ، އެ ދިފާއު ދަށު ކޯޓުގައިވެސް ނަގާފައިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން އެ ދިފާއު ނެގުމުން ދައުލަތުން ދަށު ކޯޓުގައި އެ ވީޑިއޯ ދައްކަން އެދުނުތޯވެސް ގާޒީ މަޒީދު ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލު އައިޝަތު ވިދާޅުވީ އެ ދިފާއު ރައީސް ޔާމީންގެ ފަރާތުން ނެގީ ހުލާސާ ބަޔާނުގައި ކަމަށެވެ. އަދި އެ ނުކުތާއާ ގުޅިގެން ދައުލަތުން ވާހަކަ ދައްކަން އުޅުމުން އެކަމަށް ރިއާއަތް ކުރާނެ ކަމަށް ވިދާޅުވެ އެ މައްސަލަ ބައްލަވާ ގާޒީ އެކަމާ ބެހޭގޮތުން ވާހަކަދައްކަވަން ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އެހެން ނުކުތާކަކަށްވެސް ދައުލަތުން ވަނީ ރައްދު ދީފައެވެ. ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިން ކަމަށްވާ އަބްދުﷲ ޒިޔަތާއި، އަހުމަދު އަދީބާއި، މުއައްވިޒު ރަޝީދަކީ އަދުލުވެރި ހެކިވެރިން ނޫންކަމަށް ބުނެ ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާާއަކާ ހަވާލާދީ ދައުލަތުން ބުނީ އެ ހެކިވެރިންގެ ހެކިބަހަށް ބާރުދޭ ކިތާބީ ހެކިތަކެއް ހުރުމުން އެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށެވެ.

އަދީބާއި ޒިޔަތު، ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިނީ އަދަބަށް ލުއިދޭން އެއްބަސްވުމުން ކަމަށް އެމަނިކުފާނުގެ ފަރާތުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ދެ މީހުން ގޭބަންދަށް ބަދަލު ކުރީ ކަރެކްޝަންސްއަށް ފެނިގެން ކަމަށެވެ. އަދި އެ ދެ މީހުންނަށް ހެކިބަސް ދީގެން ލިބޭނެ މާލީ ނުވަތަ އެނޫންވެސް މަންފާއެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ ހެކިވެރިން ދައްކާ ވާހަކަ އެކަކު އަނެކަކަށް ނޭނގޭނެ ގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށް މީގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ. އެކަމަކު އެކަން ކޮށްނުދިނުމުން، ޝަރީއަތް ޓީވީއިން ލައިވްކޮށްގެން ދައްކާތީ އެއް ހެކިވެރިއަކު ދައްކާ ވާހަކަ އަނެއް ހެކިވެރިއަކު ދައްކާ ވާހަކައާ ދިމާވާގޮތަށް ރާވައިގެން ހެކިބަސް ދޭން ފުރުސަތު ލިބުނު ކަމަށްވެސް ރައީސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ މުވައްވިޒާއި ހަސަން ލުތުފީ ފިޔަވައި އެއް ކަމެއް ސާބިތުކޮށްދޭން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގާފައި ވާނީ އެއް ދުވަހެއްގައި ކަމަށެވެ.

ދައުވާ ސީޣާގައި ރައީސް ޔާމީން ކުށް ކުރި ވަގުތާއި ތަން ބުނެފައި ނުވާކަމާއި، އެމަނިކުފާނު ކުރި ކަމަށް ބުނާ މަނީ ލޯންޑަރިންގެ ކުށަކީ ކޮބައިކަންވެސް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގައި ބުނެފައި ވެއެވެ. ދައުލަތުގެ ފަރާތުން މިއަދު ވާހަކަ ދެއްކެވި ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، މަނީ ލޯންޑަރިން އަކީ އަމަލުން ސާބިތުވާ ކުށެއް ކަމަށާއި، މި ހާލަތުގައި އެ ކުށުގެ އަމަލަކީ ކުށެއްގެ މުދަލެއް ނުވަތަ ފައިސާއެއް، އެއީ ކުށެއްގެ ފައިސާ ނުވަތަ މުދަލެއްކަން ޝައްކު ކުރެވޭ ހާލަތުގައިވެސް އަތުގައި ބެހެއްޓުން ކަމަށެވެ.

އެކައުންޓަށް ޖަމާވި ފައިސާ އަކީ ރަނގަޅު ނޫން ފައިސާއެއް ކަމާ މެދު ޝައްކު އުފެދެން ޖެހޭ ސަބަބުތަކާ ބެހޭގޮތުންވެސް ނައުފަލް ވަނީ ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފަޅަކީ ވިޔަފާރީގެ މުއާމަލާތެއް ހިންގެވޭނެ ބޭފުޅެއް ނޫން އިރު އެސްއޯއެފް ފަދަ ވިޔަފާރި ކުންފުންޏަކުން ފައިސާ ޖަމާ ކުރުމަކީވެސް ޝައްކު އުފެދެން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ކެމްޕޭނަކަށް އަދީބު ޖަމާކޮށްދިން ފައިސާ ކަމަށް ގަބޫލުފުޅު ކުރެއްވި ކަމަށް ވިދާޅުވެފައިވާ އިރު ކެމްޕޭން ފައިސާ އަކީ އިންތިހާބީ އެޖެންޓަށް ޖަމާ ކުރާ ފައިސާ ކަން އޭނާ ފާހަަގަ ކުރެއްވި އެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރީ ކުންފުންޏަކުން އެހީދެވޭނެ ކަމަށް ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރު އަދަދެއް ކަމުންވެސް ޝައްކު އުފެދެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ފައިސާ އަކީ އިންތިހާބީ ބޭނުމަށް ޖަމާ ކުރި ފައިސާއެއް ކަމަށް ވިދާޅުވި އިރު އެ ފައިސާ މަންފާ ލިބޭ ގޮތަށް ގެނެރަލް އިންވެސްޓްމެންޓް ބޭންކު އެކައުންޓެއްގައި ޖަމާކޮށްފައިވާތީ އެ ވާހަކައަކީ ބުއްދި ގަބޫލު ނުކުރާ ތާކުންތާކުން ނުޖެހޭ ވާހަކައެއް ކަމަށް ނައުފަލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

comment ކޮމެންޓް